އއ. އަތޮޅުން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ އއ. އަތޮޅުން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ 14 މާޗްވީ އާދީއްތަ ދުވަހުގެ ހެނދުނު 09:00ން މެންދުރު 02:00ށް އއ. އަތޮޅުން ގދ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދެކުނު ސަރަހައްދުތަކަށް ކަނޑުތައް އާދައިގެން ވަރަކަށް މަޑުވާނެ ކަމަށެވެ. ރާޅުގެ އުސްމިނުގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް 3 ފޫޓާއި 6 ފޫޓު އަދި ދެކުނުގެ ރަށްތަކަށް 2 ފޫޓާއި 4 ފޫޓު ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
އަދި އިރުއުތުރާއި އިރުން މެދު ރާއްޖެތެރެއާއި އުތުރުގެ ސަރަހައްދަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ ސަރަހައްދުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 30 މޭލު ބާރު މިނުގައި ވައިގަދަ ވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.