އިންތިހާބުގެ މޮނީޓަރުންނަށް ވުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ މޮނިޓަރަކަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަލުން ހުޅުވާލައިފިއެވެ.
އެކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ފުރުސަތު އަލުން ހުޅުވާލާފައިވަނީ ވޯޓުލާ މަރުކަޒުތަކުގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ.
އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ އިންތިހާބުތަށް މޮނީޓަރ ކުރުމުގެ ފުރުސަތު ދެނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަކަށެވެ.
އެގޮތުން އެޝަރުތުތަކުގައި ހިމެނެނީ 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި ބްރޯޑްކޮމްގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހެއްކަން އީސީއަށް ކަށަވަރުވާ މީހަކަށް ވުމެވެ.
މީގެ އިތުރުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއް ކަމަށްވުމާއި، ހަމައެހެންމެ އިންތިޚާބާ ގުޅޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.