ޚަބަރު

ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތުތައް އީސީން އިއުލާންކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންޑިއާ (ޓްރިވެންޑްރަމް) އަދި ސްރީލަންކާ (ކޮލޮމްބޯ) ގައި ވޯޓުލުން ފަށާނެ ގަޑިއަކީ އެ ޤައުމުގެ ގަޑިން ހެނދުނު 07:30ން ހަވީރު 17:30 އާ ހަމައަށް ކަމަށެވެ.

ބޭރު ޤައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބެހެއްޓޭނެކަން މިހާތަނަށް ޔަޤީންވެފައި ވަނީ ސްރީލަންކާގައި އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަ ކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ކޯވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލުން ކުރިއަށް ގެންދިއުމަށް ވޯޓުލާ އިތުރު މަރުކަޒުތަކެއް ޤާއިމްކުރަން ނިންމާފައި ވާކަމަށެވެ.

މިދިޔަ އަހަރު އިންތިޚާބު ބާއްވަން ނިންމިއިރު ވޯޓުލުމަށް އިއުލާންކުރީ 532 ވޯޓުލާ މަރުކަޒު ކަމަށާއި، އެހެން ނަމަވެސް މިފަހަރު އިންތިޚާބު ބާއްވާއިރު މާލެ ސަރަޙައްދުގައި ވޯޓުލާ އިތުރު 68 މަރުކަޒު ޤާއިމްކުރަން ޖެހޭއިރު ރިޒޯޓްތަކުގައި ވެސް ވޯޓުލާ މަރުކަޒު އިތުރު ވެގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވެފައިވެއެވެ.

ޝަރީފް ވިދާޅުވެފައި ވަނީ ޕެންޑަމިކާ ގުޅިގެން ކޮންމެ ވޯޓު ފޮއްޓަކަށް ވެސް އެންމެ ގިނަވެގެން ވެސް ވޯޓުލެވޭނީ 550 މީހުންނަށް ކަމަށެވެ. ވޯޓުލާ މީހުންނަށް ވީހާ ވެސް ފަސޭހަ ކުރުމަށް ޓަކައި 550އަށްވުރެ ގިނައިން މީހުން ވޯޓުލާ ފޮށިތައް ދެބަޔަކަށް ބަހައި އަދި އެއައްވުރެ އަދަދު މަދު ކޮށްފައި ވާނެ ކަމަށް ވެސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!