ޚަބަރު

ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ، މަންދޫގެ ދޯނިތައް ވެސް ނެރިގެން އެހީތެރިވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލެއިން ފުރައިގެން އދ.މަންދޫއަށް ދަތުރުކުރި "ރަންތަރި" ދޯނިން ދަތުރުކުރި ޒުވާނާ އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގައި އެހީތެރިވުމަށް އެރަށުގެ ދޯނިފަހަރުތައް ވެސް މިހާރު ނެރިގެން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

Ads by STELCO

ގެއްލިގެން ހޯދަމުންދަނީ މަންދޫ/ރަތްވިލާގޭ އަލީ ޝާހު (27އ.) އެވެ. އޭނާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ރޭ މެންދަމު 2:10 ހާއިރެވެ. ރަށުގެ ނެރުން ދޯނި ވަންއިރުވެސް އޭނާ ދޯނީގައި ހުރިކަމަށާއި ނަމަވެސް ފާލަމާ ކައިރިކުރިއިރު ދޯނީގައި ނެތްކަމަށް ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

މިހާތަނަށް ކުރި މަސައްކަތުން ޝާހު އަދި ފެނިފައިނުވާ ކަމަށާއި އެހެން ނަމަވެސް ހުއްޓުމެއްނެތި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަަމށް އެމްއެންޑިއެފް އިން ބުނެފައިވެއެވެ.

ގެއްލުނު އިރު ޝާހު ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖިންސެއްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ހާމަކުރެއެވެ. މި މީހާ ހޯދުމުގެ މަސައްކަތުގައި އދ.މަންދޫ ރައްޔިތުންނާ އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި މީހާ އާބެހޭ އެއްވެސް ޚަބަރެއް ވޭތޯ، މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށް ތަކުން ބަލައިދިނުމަށާއި އަދި މީނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!