ﷲ ތަޢާލާއަށް ގޮންޖަހައި، މަރުވާނެތަނާއި ވަގުތު ކަނޑައެޅި އިންޑިއާ މީހެއްގެ ނިމުން އައިގޮތުގެ ވާހަކަ
ﷲ ވޮޑިގެންވުން ޤަބޫލު ނުކުރާ އެތައް ބަޔަކު މިދުނިޔޭގައި އުޅެއެވެ. ހަމައެހެންމެ މަލާއިކަތް ބޭކަލުންނާއި ރަސޫލު ބޭކަލުންނަށް އީމާންނުވާ ޤިޔާމަތް ދުވަސް އެއީ އޮތް ދުވަހެއްކަމަށް ޤަބޫލު ނުކުރާ މީހުންނަކީ ވެސް ދުނިޔޭގައި ގިނަ ބައެކެވެ. ނަމަވެސް ޙައްޤު ދީނާއި ބާތިލް ދީންތަކުގެ މެދުގައި ފަރަގެއް ނެތި ޤަބޫލު ކުރާ އެއް ކަމެއް ވެއެވެ. އެއީ މަރެވެ.
ﷲ ތަޢާލާގެ ވަޙީ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ''ކޮންމެ ނަފްސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ ނަފްސެކެވެ.''
ﷲ ތަޢާލާގެ އަމުރުފުޅާއެކު ، މަލަކުލްމައުތު މީސްތަކުންގެ މަރު ހިއްޕެވުމުގައި ލަހެއް،ފަހެއް ނެތި އެ ވަޒީފާ އަދާ ކުރައްވަމުން ގެންދަވައެވެ. ރައީސަކަސް ، އަމީރަކަސް އަދި އަނިޔާވެރިއަކަސް ،ޞާލިޙް ތަޤުވާވެރިއެއް ނަމަވެސް ، ﷲ އެންގެވި ތަނެއްގައި ، ﷲ އެންގެވި ވަގުތެއްގައި މަލަކުލްމައުތު އެމީހެއްގެ ފުރާނަ ހިއްޕަވައެވެ. އެންމެ ސިކުތެއްގެ ފަސްވުމެއް ވެސް އަދި އަވަސްވުމެއް ވެސް ނެތިއެވެ.
އިންސާނާ މަރުވާނެ ތަނާއި މަރުވާނެ ވަގުތު ދެނެވޮޑިގެން ވަނީ ނެތުމުގެ ތެރެއިން އިންސާނާ ދުނިޔެއަށް ފޮނުއްވި ﷲ ތަބާރަކަ ވަތަޢަލާއެވެ. އެއީ އެއްވެސް އިންސިޔަކަށް ނުވަތަ ޖިންނިއަކަށް ވެސް ﷲ ދެއްވާފައިވާ ޢިލްމެއް ނޫނެވެ. މިކަމާ ޗެލެންޖް ކުރި އިންޑިއާގެ އުއްތަރަ ޕްރަދޭޝްއަށް ނިސްބަތްވާ ކްރިޝްނާ ޕާލް ކިޔާ މީހެއްގެ ނިމުން އައިގޮތް ނިކަން އަޑުއައްސަވާށެވެ.
ކްރިޝްނާގެ ދަޢުވާއަކަށްވީ އޭނާ މަރުވާނެ ތަނާއި ވަގުތު ކަނޑައަޅާނީ އޭނާ ކަމެވެ. އެއީ ﷲ ތަޢާލާގެ ނިންމުމެއް ނޫން ކަމެވެ. އަދި އެކަން ސާބިތުކޮށް ދިނުމަށް 12-12-2012 ގެ މެންދުރު 12 ޖަހާއިރު މަރުވާން އޭނާ ނިންމިއެވެ. އަދި 12 ސަފްހާގެ ނޯޓެއް ލިޔުނެވެ. އެ ނޯޓްގައި އޭނާގެ ދަޢުވާ ސާފުކޮށް ބަޔާންކޮށްދިނެވެ.
ކްރިޝްނާ މަރުވާނެ ކަމަށް ކަނޑައެޅި ދުވަސް ޖެހުމުން ، އެ ދުވަހު ހެނދުނު މަރަށް ތައްޔާރުވާން ފެށިއެވެ. އޭނާ ލިޔުނު ނޯޓް ހިފައިގެން ގޭގެ އެންމެ މަތީ ފަންގިފިލާގައި ހުންނަ ފެން ތާންގީއެއްގެ މައްޗަށް އޭނާ އެރިއެވެ. އާންމުންނަށް އޭނާ ފެނި އެ ސަރަޙައްދަށް މީހުން އެއްވާން ފެށިއެވެ. އަދި ފުލުހުން ވެސް އެތަނަށް ގޮސް އޭނާ އަމިއްލައަށް މަރުވުމުން ހުއްޓުވޭތޯ ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އެކަމަށް އިޖާބަ ނުދީ ، އޭނާ ބުނަމުން ދިޔައީ އޭނާގެ ދިރިއުޅުމަކީ އޭނާގެ އަމިއްލަ ކަމެއް ކަމަށާއި އޭނާ މަރުވާނެ ތަނާއި ވަގުތު ކަނޑައަޅާނީ އޭނާ ކަމަށެވެ. ނަމަވެސް ޕޮލިހުންނާއި އާންމުން ހުއްޓުމެއް ނެތި ، އޭނާއަށް ނަސޭޙަތްތެރިވެ އޭނާ ހުއްޓުވުމަށް ތަކުރާރުކޮށް މަސައްކަތް ކުރަމުން ގެންދިޔައެވެ.
އެންމެ ފަހުން އޭނާގެ ނިމުން އައި ގަޑި ދެކޭށެވެ. ޕޮލިހުންނާއި އާންމުންގެ ޕްރެޝަރަށް ކެތްނުވެ 80 ފޫޓްގެ މަތީ އެ އިމާރާތުން ފުންމާލާ އޭނާ މަރުވީ އެދުވަހުގެ 11 ޖެހިއިރުއެވެ. މަރުވުމަށް އޭނާ ކަނޑައެޅި ވަގުތުގެ އެއް ގަޑިއިރު ކުރިންނެވެ.
މުސްލިމް އަޚުންނާއި އުޚްތުންނޭވެ. އަހަރެމެން ބޭނުން ކަމެއް ، ބޭނުން ވަގުތަކު ކުރެވިދާނެއެވެ. ނަމަވެސް މަރަކީ ﷲ ތަޢާލާގެ އެންގެވުމަށް ލަހެއް،ފަހެއް ނެތި ހިނގާނެ ކަމެކެވެ. ޢަމަލުތައް އިސްލާޙްކޮށް މަރުމަތިން އަބަދުމެ ހަނދުމަ ކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހެއްޔެވެ؟