ޚަބަރު

ޕީޕީއެމްގައި އޭ ގްރޭޑްގެ ކެންޑިޑޭޓެއް ނެތް، އަޅުގަނޑަށް އެ ފުރުސަތު ލިބުން ގާތް: އުމަރު

ދެން އެމްވީ ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމްގައި ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ފެންވަރުގެ އޭ ގްރޭޑްގެ ކެންޑިޑޭޓެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ އަވަސް އިން ގެންސްދޭ "ފަށަމާ" ޝޯގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އުމަރު ވިދާޅުވީ އޭނާއަކީ ޕީޕީއެމް ފިކުރުގެ ބޭފުޅެއް ކަމަށާ ޕީޕީއެމްގެ އުފެއްދުމުގައި އިސްކޮށް ތިއްބެވި ތިން ބޭފުޅުންގެ ތެރެއިން އެކަކީ އޭނާ ކަމަށެވެ. އެހެންކަމުން ޕީޕީއެމުން ފުރުސަތު ލިބުން ވަރަށް ގާތް ކަމަށް އުމަރު ވިދާޅުވުއެވެ.

"ވެރިކަން ލިބުމަށް ބޭނުންވާ އެއްކަމެއް އެމީހުން[ޕީޕީއެމް]ގެ އަތުގައި މަދު. އެއީ ކެންޑިޑޭޓެއް، އޭ ގްރޭޑްގެ ކެންޑިޑޭޓެއް. އެމީހުންގެ އޭ ކެޓަގަރީގެ ކެންޑިޑޭޓް މިވަގުތު އޮންނެވީ ޖަލުގައި. މިވަގުތު ތިބީ ބީ ކެޓަގަރީ ސީ ކެޓަގަރީގެ ކެންޑިޑޭޓުން. އެހެންވީމަ އެބޭފުޅުން ބޭނުންވާނެ އޭ ކެޓަގަރީގެ ކެންޑިޑޭޓެއް. އެ ދޮރު އަޅުގަނޑަށް ނުހުޅެވޭނެ ކަމަކަށް އަޅުގަނޑު ނުދަންނަވާނަން،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ދޮރު މިވަގުތު ބަންދު ކޮށްގެން ތިބި ނަމަވެސް އެންމެ ފަހު ވަގުތު ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުން ވެސް ޕީޕީއެމްގެ ދޮރު ހުޅުވައި ދިނުމަކީ ވެދާނެ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ ޕީޕީއެމުން ވެސް ބޭނުންވަނީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް ވާއިރު، އެ ފުރުސަތު 2023 ގައި އޮތީ އޭނާއާއެކު ކަމަށް ގަބޫލު ކުރާތީ ރައީސް ޔާމީން ވެސް، ޕީޕީއެމަށް ވަޑައިގަތުމަށްއުމަރަށް ދައުވަތު ދެއްވުމަކީ ދުރުކަމެއް ނޫން ކަމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!