ކޮވިޑް-19: އުނގޫފާރުން އިތުރު މީހަކު ފައްސި ވެއްޖެ

ރ. އުނގޫފާރުން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
މިހާރުވެސް މޮނީޓަރިންގަށް ލާފައިވާ އުނގޫފާރުން މިއަދު ފައްސިވީ މި މީހާއާއެކު މިހާރު އެރަށުން ފައްސިވީ މީހުންގެ އަދަދު ހަޔަކަށް އެރީއެވެ.
މިމަހުގެ 19 ވަނަ ދުވަހު އުނގޫފާރުން މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، އެމީހާއަކީ އެ ރަށުގައި އޮންނަ މާލެ ދަތުރުކުރާ ބޯޓަކާ ގުޅުން އޮންނަ މީހެއްކަން ވަނީ އެނގިފައެވެ. އެހެންކަމުން އެ ބޯޓުގެ ފަޅުވެރިން ބައްޔަށް ޓެސްޓު ކުރުމުން، އެތަނުން ހަތަރު މީހަކު ފައްސި ވެފައިވާކަން ވަނީ އެނގިފައެވެ.
އުނގޫފާރުން މިއަދު ފައްސި ވެފައި ވަނީ އެރަށުން ފުރަތަމަ ބަލި ޖެހުނު މީހާއާ ސީދާ ބައްދަލުވި ކުޑަ ކުއްޖެކެވެ.
ކޮވިޑަށް ފައްސި ކޭސްތަކެއް އުނގޫފާރުން ފެނުމާއެކު، މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އެރަށަށް ދަތުރުކުރި އެންމެން ވަނީ ކަރަންޓީނު ވާން އަންގައިފައެވެ.
އެގޮތުން ކަރަންޓީނުވީ މީހުންގެ ތެރެއިން ހަތަރު މީހަކު މިހާރު ވަނީ ކޮވިޑަށް ފައްސި ވެފައެވެ. އެއީ ޅ. ނައިފަރުން މީހަކާއި، ކ. ދިއްފުށިން ދެ މީހަކާއި ރ. މަޑުއްވަރިން މީހެކެވެ. މި ތިން ރަށް ވެސް މިހާރު ވަނީ މޮނީޓަރިންގަށް ލާފައެވެ.