ވައުދު ނުފުއްދޭތީ ހުރިހާ ކަމެއް އަޅުއްވަނީ ރައީސް މައުމޫންގެ އިސްތަށިފުޅުގައި: އާދަމް ޝަރީފް ޢުމަރު
މިސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭތީ ހުރިހާ ކަމެއް އަޅުއްވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އިސްތަށިފުޅުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އާދަމް ޝަރީފް މިހެން ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ތެރެއިން އެންމެ ފުރަތަމަ ދިމާވި ދައްޗަކީ އެމްޑީޕީގެ ސިޔާސަތުތަކާއި ރައީސް މައުމޫންގެ ވަޒީރަކަށް އެ މަޤާމު ލިބުން ކަމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދުގެ އެވާހަކަފުޅަށް ރައްދު ދެއްވާ އާދަމް ޝަރީފް ވިދާޅުވީ ސަރުކާރަށް ރައްޔިތުންނަަށް ވެ ވަޑައިގެންނެވި ވަޢުދުތައް ނުފުއްދޭތީ އެމްޑީޕީ ސަލާމަތް ކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ އިސްތަށިފުޅުގައި ކަންކަން އަޅުއްވަމުން އަންނަ ކަމަށެވެ.
"ސަރުކާރުގެ ވަޢުދު ނުފުއްދޭތީ އެމްޑީޕީ ސަލާމަތްކުރަން ރައީސް ނަޝީދު ކުރައްވާ ކަމަކީ ރައީސް މައުމޫން ބޮލަށް ތުޅާ ފެތުރުން. ކޯލިޝަން ސަރުކާރު ދަނީ ފެއިލްވަމުން. ރައްޔިތުން އޮތީ ޕީޕީއެމްއަށް." އާދަމް ޝަރީފް ވިދާޅުވިއެވެ.
ކޯލިޝަން ސަރުކާރެއް ކަމަށް ބުނެ އެމްޑީޕީން ހިންގަމުން އަންނަ މިސަރުކާރުގެ ފުރަތަމަ ހައުސިންގ މިނިސްޓަރަކަށް ހުންނެވީ ރައީސް މައުމޫން ލީޑަރަކަށް ހުންނަވާ އެމްއާރްއެމް އަށް ނިސްބަތްވެ ވަޑައިގަންނަވާ އާމިނަތު އާތިފާއެވެ.
ނަމަވެސް އެކަމަނާ އިސްތިއުފާދެއްވުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހައުސިން މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީއާ އެއްކޮށްލާފައެވެ. ޕްލޭނިން މިނިސްޓަރަކަށް ހުންނެވީ އެމްޑީޕީގެ މުޙައްމަދު އަސްލަމެވެ.