ޚަބަރު

ފިޔަވަތި އިމާރާތް މަރާމާތު ކުރުމުގެ މަޝްރޫއު ނިމި އެތަން ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތު ކުރުމުގެ މަޝްރޫއު ނިމި އެތަން ހުޅުވުމުގެ ރަސްމިއްޔާތު ވަރޗުއަލްކޮށް މިއަދު ބާއްވައިފިއެވެ.

Ads by MWSC

މިމަޝްރޫއަށް ހަރަދު ކުރެވުނީ އިންޑިއަން ގްރާންޓް އެސިސްޓެންސްގެ 106 މިލިއަން ރުުފިޔާގެ ދަށުން 1.9 މިލިއަން ރުފިޔާއެވެ.

މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރުން އާއިޝަތު ރަޝީދު އަދި ޒިފްލީނާ ހަސަންއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިޖްތިމާއީ-އިގްތިސާދީ ގޮތުން ނާޒުކު ހާލަތުގައި ތިބޭ ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމާއި، މި މަޝްރޫއަކީ އަކީ މިދެންނެވި ޒިންމާގެ ތެރެއިން ސަރުކާރުން ހިންގި މަޝްރޫއެއްކަމަށް މިނިސްޓަރ ޝާހިދު ފާހަގަ ކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރެވި، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކުރެވި، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުން ކުރާނެ ޖާގަ ތައްޔާރު ކުރެވުނެވެ. މި މަޝްރޫޢުގެ ސަބަބުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ޤާއިމު ވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

"މާރޗް 2019 ގައި ރާއްޖެއަށް ކަނޑައަޅާފައިވާ 106 މިލިއަން ރުފިޔާގެ އެހީގެ ތެރެއިން މި ޕްރޮޖެކްޓަށް 1.9 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. މިއަދު މި ލިބިގެން ދިޔަ އެހީތެރިކަމުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނޭކަމަށް އުންމީދު ކުރަން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި މަޝްރޫއު ހިންގުނީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް 2019 ގައި ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ ލޯނުގެ ދަށުންނެވެ. މި އެހީގެ ބޭނުމަކީ އިޖްތިމާއީ-އިގްތިސާދީ ކުރިއެރުންތަކަށް ދިވެހިރާއްޖޭގައި ހިންގޭ މަޝްރޫއުތަކަށް ހަރަދުކުރުން ކަމުގައި ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!