ޚަބަރު

ކުޑަކުދިންނަށް ދައުލަތުން އިހުމާލުވި މައްސަލައެއް ތަހުގީގު ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުޑަކުދިންނަށް ދައުލަތުގެ އިދާރާތަކުން އިހުމާލުވި މައްސަލަތަކާއި ގުޅޭ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ކުޑަކުދިންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

Ads by MWSC

އެގޮތުން ރިޔާސީ ކޮމިޝަނުން ބުނެފައިވަނީ ގާނޫނީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރު ކުރެެއްވުން ވަޒަން ކުރުމަށް ޓަކައި ކަމާގުޅޭ ގާނޫނުތައް ރިވިއުކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން އެކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެންމެ ފުރަތަމަ ކުޑަކުދިންގެ ހިޔާ އަށް ކުރި ޒިޔާރަތުގައި ފާހަގަ ކުރެވުނު ކަންކަމާއި އެތަނުގައި އިސްލާހު ކުރަންޖެހޭ ކަންކަން ވެސް ފާހަގަކޮށް 26 މާޗް 2020 ގައި ޕްރެލިމިނަރީ ރިޕޯޓެއް ތައްޔާރުކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

އެރިޕޯޓުގައި ފާހަގަ ކޮށްފައިވާ ރިކޮމެންޑޭޝަންތައް ތަންފީޒު ކުރުމަށްޓަކައި ޖެންޑާ މިނިސްޓްރީން ޕްލޭނެއް އެކުލަވާލައި، އެޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަަށް ވެސް ބަޔާނުގައި ވެއެވެ.

މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ މާޗު 12 އާއި 8 އޭޕްރީލްގައި ދޫނިދޫ އަދި އަތޮޅުވެހި ކަސްޓޯޑިއަލްއަށާއި، މާޗު 16 ގައި އައްސޭރި ޖަލަށް އެ ކޮމިޝަނުން ކުރި ޒިޔާރަތާއި، އަދި 14 އެޕްރީލްގައި ފިޔަވަތި މަރުކަޒަށް ކޮމިޝަނުން ކުރި ޒިޔާރަތުގައި، އެ މަރުކަޒުތަކުގެ ސާފުތާހިރުކަމާއި، ތަނުގެ ރައްކާތެރިކަމާއި، އެތަންތަނުގައި ތިބޭ ކުދިންނަށް ލިބޭ ހިދުމަތްތަކާއި، އެތަންތަނުގައި ހުރި ލައިފް/ހެލްތު ރިސްކުތަކާއި، އެ މަރުކަޒުތަކުގައި ކުދިންނާމެދު އަމަލު ކުރެވެމުންދާ އުސޫލުތަކާމެދު މައުލޫމާތު އެއްކޮށް، އެ މަރުކަޒުތަކުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަ ކޮށްފައިވާނެ ކަމަށެވެ.

ގާނޫނީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުކުރެވޭކަން ވަޒަންކުރުމަށްޓަކައި ކަމާގުޅޭ ގާނޫނުތައް ރިވިއުކުރުމުގެ މަސައްކަތާއި، ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާގުޅޭ ތަހުގީގުގެ މަސައްކަތްތައް އެ ކޮމިޝަނުން ކުރަމުންދާ ކަމަށް ވެސް ރިޔާސީ ކޮމިޝަނުގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!