ވައްކަން ކުރާ ސަރުކާރެއް ބަދަލު ކުރަން ކެރޭނެތޯ، އަދުރޭ، ރައީސް ނަޝީދާ ސުވާލު ކުރައްވައިފި
މިސަރުކާރުން ވައްކަން ކުރާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވާއިރު، ވައްކަން ކުރާ ސަރުކާރެއް ބަދަލު ކުރުމުގެ ކެރުން ހުރިތޯ، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ ސުވާލު ކުރައްވައިފިއެވެ.
މިއަދު އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، ރައީސް ނަޝީދު މިއަދު ސަރުކާރުން ވައްކަން ކުރާ ވާހަކަ ވިދާޅުވަމުން އެގެންދަވަނީ ވަރަށް ބޮޑު އޮޅުވާލުމެއް އޮޅުވާލެއްވުމަށް ކަމަށާއި، އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި ސަރުކާރަކާއެކު އެމްޑީޕީ ނޯންނާނެ ކަމަށް ވިދާޅުވުމުން، މިއަދު ރާއްޖޭގައި ސަރުކާރެއް އޮތްތޯ ވެސް ސުވާލު އުފެއްދިއްޖެ ކަމަށެވެ.
"ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ވަރަށް ގިނަ ވާހަކަ އެބަ ދައްކާ. އިއްޔެ ރައީސް ނަޝީދު ވިދާޅުވީ، ވައްކަން ކުރާ ސަރުކާރަކާ އެކީގައި އެމްޑީޕީ އޮންނާކަން ބޭނުމެއް ނޫނޭ. އަޅުގަނޑުމެންނަށް އޮޅިއްޖެ ސަރުކާރަކީ ކޮބައިކަން، ސަރުކާރެއް އޮތްތޯ އެބަ ސުވާލު އުފައްދަން ޖެހޭ. ވައްކަން ކޮށްފިކަން, އަމިއްލައަށް އިޢުތިރާފް ވެއްޖެ" ނަޝީދު ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ކައުންސިލް އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް ދަޅަ ދެއްކުމުގެ ބަދަލުގައި މިއަދު ރައީސް ނަޝީދު ދެއްކެވި ވާހަކައާއެކު ސާބިތުވެ ހުންނެވިކަން ރައްޔިތުންނަށް ދައްކަވަން ޖެހޭ ކަމަށެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮތްއިރު، އެމްޑީޕީގެ ރައީސް، މަޖިލިސްގެ ރައީސް، މުޙައްމަދު ނަޝީދަށް، ރައީސް ޞާލިޙް އަޒުލުކޮށް، އިތުބާރު ނެތްކަމުގެ ވޯޓް ނެގޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"ރައްޔިތުން މަޖިލީހުގެ 65 ގޮޑި އެބައޮތް މަޖިލީހުގައި. މާދަމާ ހަދަންވި ގޮތަކީ ރައީސް އަޒުލް ކުރަން، ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަންވީ." އަދުރޭ ވިދާޅުވީ، އެކަން ކުރަން ނުކެރޭނަމަ، އެމައްސަލަ ޕީޕީއެމް/ޕީއެންސީގެ މެންބަރުން މަޖިލީހަށް ވައްދައިދޭނެ ކަމަށާއި ވޯޓް ދޭން ކެރޭނެތޯ ސުވާލު އުފައްދާފައެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ވައްކަން ކުރާ ސަރުކާރު ޤާނޫނީ އިމުގެ ތެރެއިން ވަކި ކުރުމުގެ ބާރުވެސް އޮތީ އެމްޑީޕީއަށް ކަމަށާއި ރައްޔިތުންނަށް ހެޔޮ އެދޭ ކަމަށްވަންޏާ އެކަން ކުރުމަށް ގޮވާލާ ކަމަށެވެ. އަދި ވެންޓިލޭޓަރުގެ މައްސަލައިގައި ދަޢުވާ ނުކުރަން ނިންމީ ދައުލަތުގެ ޕީޖީއިން ކަމަށާއި ޕީޖީ ވަކި ކުރުމުގެ ބާރުވެސް އޮތީ އެމްޑީޕީއަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ވެންޓިލޭޓަރުގެ ޚިޔާނާތުގެ މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް ވަކި ކުރަން އިދިކޮޅުން މާދަމާ މަޖިލީހަށް ހުށަހަޅަން ވަނީ ނިންމާފައެވެ.