މޫސުމަށް ސަމާލުވޭ! ކުރިޔަށް އޮތް 48 ގަޑިއިރު ވެސް ވައި ގަދަވާނެ

ރާއްޖެ ސަރަހައްދުގައި މި ވަގުތު އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް 48 ގަޑިއިރު ވެސް ގަދަޔަށް ވައި ޖެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށް، މޫސުމަށް ސަމާލުވާން އިލްތިމާސް ކޮށްފިއެވެ.
ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން އައްޑުއަށް ، މިއަދު ހެނދުނު ނެރުނު ރީނދޫ އެލާޓް ވެސް މެޓް އޮފީހުން މިހާރު ވަނީ މިއަދު ހަވީރު 6:00 އާ ހަމައަށް އިތުރު ކޮށްފައެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެ ކަމަށެވެ. ދެކުނާއި މެދުތެރޭގެ ރަށްރަށަށް ގަޑިއަކު 17 މޭލާއި 27 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ބުނެއެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10-20 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ވައި ޖެހޭނީ، 45 މޭލާއި 55 މޭލުގެ ދެމެދުގައި ކަމަށް އިދާރާ އިން ބުންޏެވެ.
މޫސުމާ ބެހޭ އިދާރާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ސ. ގަމަށެވެ.
ހުރިހާ ފަރާތްތަކުން ވެސް، ހާއްސަކޮށް ދެކުނުގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ، މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސްވަރެއްކަމަށް ލަފާކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.