ވޯޓު ލާއިރު އެއްވެސް އައިޑީ ކާޑެއް މުއްދަތު ހަމަވެފައި ކަމަށް ނުބަލާނެ

މުއްދަތު ހަމަވެފައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުތައް ވެސް، ވޯޓު ލާއިރު އެ ކާޑަކީ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑެއް ކަމަށް ނުބަލާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް އިތުރު ތިން މަހުގެ މުއްދަތަކަށް އިތުރު ކޮށްފައިވާ ކަމަށެވެ.
"މުއްދަތު ހަމަވެފައިވާ އައިޑީތައް ޖޫން މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށް ޑީއެންއާރުން އިއުލާނު ކޮށްފައި ވާތީ ވޯޓު ލުމުގައި އެއްވެސް އައިޑީ ކާޑެއް މުއްދަތު ހަމަވެފަ ކަމަށް ނުބަލާނެ" ޝަރީފް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10ވަނަ ދުވަހު ގައެވެ.
މި އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނަށެވެ. އޭގެ ތެރޭގައި 5134 މީހުންނަކީ މިމަހުގެ 10ވަނަ ދުވަހާ ހަމަޔަށް 18 އަހަރު ފުރޭ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އޭޕްރީލް 10 ވަނަ ދުވަހާ ހަމައަށް 18 އަހަރު ފުރޭ އެންމެނަށް އިންތިހާބުގައި ވޯޓު ލެވޭނެކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަ ކުރަނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ.