މަޖިލީހުގެ މެންބަރުންނަށް އިންޝުއަރެންސް ދޭނެ ބަޔަކު ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންޝުއަރެންސް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެދުމުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި މަޖިލީހުގެ މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އިންޝުއަރެންސް ހިދުމަތް ދިނުމަށް މިހާރު ވަނީ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ވެސް ބީލަން ހުށަހެޅޭނެ ކަމަށް ފިނޭންސުން ވިދާޅުވިއެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކައިގެންނެވެ. މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ބައި ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންް (އެންސީބީ) އުސޫލަށް ކަމަށް ވެސް ފިނޭންސް އިން ވިދާޅުވިއެވެ.