ޤައުމު އެދި ގޮވަނީ މުއިއްޒު ފަދަ ޚިދުމަތްތެރިންނަށް: އަނާރާ
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޒާ އަނާރާ ނަޢީމް ވެސް މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުންސިން މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒަށް ތާއީދު އޮތް ކަން ހާމަ ކުރައްވައިފިއެވެ.
ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި މުޢިއްޒު ހުންނެވި އިރު މާލޭގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ފޮޓޯ ހިއްސާކުރައްވައި އަނާރާ ވިދާޅުވީ ޤައުމު އެދި ގޮވަމުން ދަނީ ޤައުމަށް މި ތަރައްޤީ އިޔާދަ ކޮށްދެއްވޭނެ ބޭފުޅުންނަށް ކަމަށެވެ.
އަދި މުޢިއްޒަކީ މާލޭ ސިޓީގެ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ގެނެސްދެވޭނެ ހަމައެކަނި ބޭފުޅާ ކަމުގައި ވިދާޅުވިއެވެ.
"ޑރ. މުއިއްޒު އަކީ ޢަދާލަތު ޕާޓީން ސިޔާސީ މައިދާނަށް ތަޢާރަފްވެގެން އައި ކުޅާދާނަ ހިންގުންތެރިއެއް، ޤައުމު އެދި ގޮވަނީ މިފަދަ ބޭފުޅުންނަށް." އަނާރާ ވިދާޅުވިއެވެ.
އަނާރާ ވަނީ މުއިއްޒުގެ ބޮޑު ހިއްސާއެއް އޮވެގެން އަޅާފައިވާ ހުޅުމާލެ މާލެ ބްރިޖްގެ ފޮޓޯއަކާއި، ކިންގް ސަލްމާން މިސްކިތާއި، އެއާޕޯޓް ފެންނަން ފޮޓޯ ހިއްސާ ކުރައްވާފައެވެ.
ޑރ. މުޢިއްޒު އަކީ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ވެރިކަމުގައާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ.
އެމަނިކުފާނަށް ތާޢީދު ކުރައްވާކަން ގިނަ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މިގޮތުން، ނިޝާން އިއްޒުއްދީންގެ ވެރިޔާ އުމަރު ޒާހިރުއާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު އަބްދުލް ކަރީމް (ރުކްމާ އަލީ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާއި މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ ޝަމާޢިލް އާއި އެމްޑީޕީ އުފައްދަން މަސައްކަތް ކުރެއްވި ޝުޢައިބު އަލީ (ފުރަހަނި ޝުޢައިބު)ގެ އިތުރުން އެމްޑީޕީގެ މެންބަރު އަދި ކުރީގެ ފިލްމީ ތަރި އަލީ ޝިޔާމް ހިމެނެއެވެ.
ކައުންސިލް އިންތިޚާބު ވޯޓުލުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިޚާބުގައި އެންމެ ވާދަވެރިވާނެކަމަށް ބެލެވެނީ މާލޭ މޭޔަރުގެ ގޮނޑިއެވެ.