ޚަބަރު

ދެ ރަށެއްގައި ވޯޓު ލާ ގަޑި ފަސްކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާދަމާ އޮންލަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދެ ރަށެއްގައި ވޯޓު ލާ ފަށާ ގަޑި ފަސްކޮށްފިއެވެ.

Ads by MWSC

ވޯޓު ލާ ގަޑި ލަސް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ މ. ރަތްމަންދު އާއި ވ. ތިނަދޫގެ ވޯޓު ލާ މަރުކަޒުގެއެވެ.

އެ ދެ ރަށުގައި ވޯޓުލުން ކުރިއަށް ދަނީ 8:30 އިން ފެށިގެން 5:00 އަށެވެ.

އީސީން ވިދާޅުވީ ގަޑި ލަސްކޮށްފައި ވަނީ އެ ދެ ރަށުގެ ވޯޓު ލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން އެހެން ރަށްރަށުން ހަމަޖެހިފައިވާތީ ކަމަށެވެ.

މާދަމާގެ އިންތިހާބުގައި ވޯޓުލާން ފެށޭ ގަޑިއަކީ ހެނދުނު 7:00 އިން ފެށިގެން ހަވީރު 5:00 އަށެވެ. ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާން ހާއްސަކޮށްފައިވާ ގަޑިއަކީ، ހަވީރު 5:00 އިން އިރުއޮއްސި 6:00 އަކަށެވެ.

ވޯޓުލުމުގެ ކަންކަން މިފަހަރު ކުރިޔަށް ގެންދަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި އީސީ ގުޅިގެން އެކުލަވާލާފައިވާ ގައިޑްލައިނެއްގެ ދަށުންކަން ފާހަގަ ކޮށްލެވެއެވެ. ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތުގައި، އެޗްޕީއޭގެ އުސޫލާ އެއްގޮތަށް، ހާއްސަ ފިޔަވަޅު ތަކަކާއެކު ވޯޓުލާން ދިއުމުގެ ހުއްދަ ދީފައިވެއެވެ.

އެ ފިޔަވަޅުތަކަކީ:

  • އީސީން ކަނޑައަޅާ ގޮތެއްގެ މަތިން ވޯޓުލާ މަރުކަޒަށް ދިއުން
  • ހުރިހާ ވަގުތެއްގައި މާސްކް އަޅައި، ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން
  • ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުން
  • ޕަބްލިކް ޓްރާންސްޕޯޓު (ބަސް، ފެރީ، ޓެކްސީ) ބޭނުން ނުކުރުން
  • ވޯޓުލާން ދިއުމާ އެނބުރި ގެއަށް އައުމާ ދެމެދު އިތުރު މީހުންނާ ބައްދަލު ނުކުރުން
  • ވޯޓުލުމަށްފަހު، ކަރަންޓީނު ނުވަތަ އެކަހެރި ކުރެވިފައި ހުރި ތަނަށް ވަގުތުން އަނބުރާ ދިއުން

މިފަހަރުގެ އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ހަތަރު ސިޓީއެއްގެ އިތުރުން ހުރިހާ ރަށެއް އަދި އަތޮޅު ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރާއިރު ޖުމްލަ 3،934 ކެންޑިޑޭޓުން ވާދަކުރެއެވެ. އެގޮތުން 2،264 ކެންޑިޑޭޓަކު ލޯކަލް ކައުންސިލްތަކަށް ވާދަކުރާއިރު 1،670 ކެންޑިޑޭޓުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރެއެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!