ދުނިޔެ

ޕްރިންސް ފިލިޕްގެ ހަނދާނުގައި ގަނޑުވަރުތައް ކައިރީ މާ ބޮނޑި ނުބަހައްޓަން އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދު އަވަހާރަވި އިނގިރޭސިވިލާތުގެ ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ހަނދާނުގައި ޝާހީ ގަނޑުވަރުތައް ކައިރީ މާ ބޮނޑި ނުބަހައްޓަން ބަކިންގްހަމް ޕެލެސްއިން އެދިއްޖެއެވެ.

Ads by Sosun Fihaara

ޕްރިންސް ފިލިޕް އަވަހާރަވުމާ ގުޅިގެން މިއަދު އެތައް ބަޔަކު ވަނީ ބަކިންގްހަމް ޕެލެސްއާއި ވިންޑްސޯ ކާސްލްގެ ގޭޓުތައް ކައިރީ މާ ބޮނޑި ބަހައްޓާފައެވެ.

ބަކިންގްހަމް ޕެލެސްގެ އޮފިޝަލުން ވަނީ ޕްރިންސް ފިލިޕް އަވަހާރަވެއްޖެ ކަމަށް، އެ ޕެލެސްގެ ބޭރުގައި އިއުލާނެއް ބަހައްޓާފައެވެ. ނަމަވެސް އެ ޕެލެސްގެ ގޭޓުތައް ކައިރިއަށް މީހުން އެއްވަމުން ދިޔުމުން، އެ ޕެލެސްއިން ވަނީ އެ އިއުލާނު އެތެރެއަށް ވައްދާފައެވެ.

ކޮވިޑް-19ގެ މި ހާލަތާ ގުޅިގެން މީހުން އެއްވަމުންދާތީ، ބަކިންގްހަމް ޕެލެސްއިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި މިފަދަ ދުވަސް ވަރެއްގައި އެއްވެ ނޫޅުމަށް ވެސް އޮފިޝަލުން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިފައެވެ.

ބަކިންގްހަމް ޕެލެސްގެ އޮފިޝަލުން ބުނެފައި ވަނީ އަވަހާރަވި ޕްރިންސް ފިލިޕްގެ ހަނދާނުގައި ގޭޓު ކައިރީ މާބޮނޑި ބެހެއްޓުމުގެ ބަދަލުގައި، އެމަނިކުފާނުގެ ނަމުގައި ޞަދަޤާތް ކުރުމަށެވެ.

މީގެ އިތުރުން އެ ޕެލެސްގެ އޮފިޝަލުން ވަނީ ޕްރިންސް ފިލިޕްގެ ހަނދާނުގައި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމުގެ ގޮތުން އޮންލައިންކޮށް މެސެޖު ފޮނުވޭނޭ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އޮފިޝަލުން ބުނީ ތަޢުޒިޔާގެ މެސެޖުތައް ޝާހީ ޢާއިލާއަށް ފޯރުކޮށްދޭނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!