ސިޔާސަތަކީ އެންމެން އެކީގައި މަސައްކަތްކުރުން، ވަކި ފިކުރެއްގެ މީހަކަށް ވީތީ ބާކީ ކޮށްގެން ނުވާނެ: ނައިބު ރައީސް

ސިޔާސަތަކީ އެންމެންނާ އެކީގައި މަސައްކަތްކުރުން ކަމަށާއި ވަކި ފިކުރެއްގެ މީހަކަށް ވީތީ ބާކީ ކޮށްގެން ނުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ އެކި ފިކުރުގެ މީހުންގެ ތިބޭނެ ކަމަށާއި ވަކި ފިކުރެއްގެ މީހަކަށް ވީތީ ބާކީ ކޮށްގެން ނުވާނެ ކަމަށާއި ކައުންސިލް އިންތިހާބުގައި ވީހާވެސް ގިނަބަޔަކު ވޯޓު ލުން މުހިންމު ކަމަށެވެ.
މީގެ އިތުރުން ތަރައްގީގެ ކަންކަމުގައި އެއް މިސްރާބަކަށް ދިއުމަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ނައިބު ރައީސްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ވެސް މިހާރު ވަނީ ވޯޓު ލައްވާފައެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި މިހާތަނަށް އެއް ލައްކަ މީހުން ވަނީ ވޯޓު ލާފައެވެ. މި އިންތިހާބުގައި 273،128 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މިހާތަނަށް ވޯޓުލާފައި ވަނީ 36.2 ޕަސެންޓު މީހުންނެވެ.