ވޯޓު ލާން ނުކުންނަ މީހުން ގިނަ ވާން ފަށައިފި، މަރުކަޒުތަކުގައި ގައިދުރުކަމެއް ނެތް
ހަވީރު އަތަށް އަޅާލުމާއެކު ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުވެ ވޯޓުލާ މަރުކަޒުތަކަށް ބާރުބޮޑު ވާން ފަށައިފިއެވެ.
ބައެއް މަރުކަޒުތަކުގައި ވޯޓުލުމަށް ކިޔޫ ދަމާލައިފައިވީ ކަމުގައި ވިޔަސް އެހެން އިންތިޚާބުތަކާ އަޅާ ބަލާއިރު މި އިންތިޚާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުކަން ފާހަގަ ކުރެވެއެވެ.
އިލެކްޝަންސް ކޮމިޝަންސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދުގެ 15:05އާ ހަމައަށް ވޯޓު ލައިފައި ވަނީ 124812 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 65383 ފިރިހެނުންނާއި 59429 އަންހެނުންނެވެ. މި ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް އަދިވެސް 54 އިންސައްތަ މީހުން ވޯޓު ލާން ނުކުމެފައެއް ނުވެއެވެ.
ވޯޓުލާ މަރުކަޒުތަކުގައި ފެނިގެން ދަނީ މީހުންތައް ބޮނޑިވެފައިވާ މަންޒަރެވެ. އެ ގޮތުން ބައެއް މަރުކަޒުތަކުގައި ކިޔޫ ދަމާލައިފައި ވާއިރު އެތަންތަނުގައި ގައިދުރުކަމެއް ނެތް ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. އެ ގޮތުން ގޮނޑިތަކުގައި މީހުން އިށީނދެގެން ތިބޭ އިރު ވެސް ގައިދުރުކަމެއް ނެތި އިށީނދެގެން ތިބޭކަން ފާހަގަ ކުރެވެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ގޮނޑި ޖަހާފައިވާ ގިނަ ތަންތަނުގައި މީހުންނަށް އިށީނދެގެން ތިބެވެނީ އެއް ގޮނޑި ދޫކޮށް ގައިދުރު ކުރުމަށް ފަހުގައެވެ. ނަމަވެސް ވޯޓުލާ މަރުކަޒުތަކުގައި އެ އުސޫލެއް ވެސް ނެތެވެ.
މި ވޯޓަކީ ތާރީހީ ވޯޓަކަށް ވެގެން ދާނެ ކަމަށް ގިނަ ބަޔަކު ލަފާ ކުރާއިރު މިއީ އެންމެ މަދުން މީހުން ވޯޓުލާން ނުކުންނަ އިންތިހާބު ކަމަށް ވުމުގެ ފުރުސަތު ވެސް ބޮޑެވެ.
ވޯޓުލުމުގެ ހައްޤު 273128 ރައްޔިތުންނަށް ލިބިގެންވާއިރު މިހާތަނަށް ތަފާސް ހިސާބުތަކަށް ބަލާއިރު 148316 މީހުން ވޯޓު ނުލައި އެބަ ތިއްބެވެ.