ދައުލަތުގެ އިސްވެރިން ވޯޓުލާން ދިޔައީ ވަކި ކުލައެއްގެ ހެދުމެއް ލައިގެން: އިދިކޮޅު
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާއިރު ނުސީދާ ގޮތެއްގައި ދައުލަތުގެ އިސްވެރިން ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ތުހުމަތު ކުރައްވައިފިއެވެ.
ޕީޕީއެމް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ގާނޫނީ ވަކީލް އަހްމަދު ސިއްދީޤު ވިދާޅުވީ ކެމްޕޭން ކުރެވޭ އެތައް ގޮތްތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ބަހުންނާއި އަމަލުން އަދި ލާ ހެދުމެއްގެ ކުލަ އަކުން ވެސް ކެމްޕޭން ކުރެވިދާނެ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
ސިއްދީގު އިތުރަށް ވިދާޅުވީ މާފަންނު މެދު ދާއިރާގެ ވޯޓު ކުރިއަށް ދާ ވަގުތު އެތަނުގައި އެމްޑީޕީގެ ބައެއް ބޭފުޅުން ވަކި ކުލައެއްގެ ގޮނޑިތަކެއް ހިފައިގެން ގޮސް ވޯޓުލާ މަރުކަޒު ކުރިމަތީގައި ތިބެގެން ނުސީދާކޮށް ރައްޔިތުންނަށް ނުފޫޒު ފޯރުވަމުން ދާ ކަމަށެވެ.
މީގެ އިތުރުން ސިއްދީޤު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުލައެއްގެ ހެދުމެއް ތުރުކުރައްވައިގެން ވޯޓް ފޮށިތަކުގެ ކައިރިއަށް ވަޑައިގަންނަވަމުން ދާ ކަމަށެވެ. އަދި އެއީ ވަކި ޕާޓީއެއް ޕްރޮމޯޓް ކުރުމަށް ކުރައްވަމުން ގެންދަވާ ކަމެއްގެ ގޮތުގައި ވެސް ސިއްދީޤު ތުހުމަތު ކުރެއްވިއެވެ.