ޕީޕީއެމް، ޕީއެންސީ އަކީ ފުލުހުންނަށް އިހުތިރާމް ކުރާ ތަހުޒީބު ކޯލިޝަނެއް: ޝަހީމް
އިދިކޮޅު ޕީޕީއެމް، ޕީއެންސީ އަކީ ފުލުހުންނަށް އިހުތިރާމްކުރާ ތަހުޒީބު ކޯލިޝަނެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ ރޭގެ އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވުމާ ގުޅިގެންނެވެ.
ހަމީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭގެ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހީ އެމީހުން ފުލުހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ކަމަށެވެ. އަދި އެހާ ބޮޑަށް ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި އެކަން ކުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ގަޔަށް ހައްޕުޑު ޖެހުން ކުށްވެރިކުރާ ކަމަށާއި، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެޒާތުގެ ޢަމަލެއް ނުހިންގަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.
"އެއީ ފުލުހުންނަށް އިހުތިރާމްކުރާ ތަހުޒީބު ކޯލިޝަނެއް. އެދެނީ އެކަން ކުރި ފަރާތެއް ހޯދައި ތަޙުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުން." ޝަހީމް ވިދާޅުވިއެވެ.
ފުލުހުންގެ ގަޔަށް ހައްޕުޑު ޖެހުން ކުށްވެރިކުރަން.ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެޒާތުގެ ޢަމަލެއް ނުހިންގަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.އެއީ ފުލުހުންނަށް އިހުތިރާމްކުރާ ތަހުޒީބު ކޯލިޝަނެއް.އެދެނީ އެކަން ކުރި ފަރާތެއް ހޯދައި ތަޙުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 29, 2020
މުޒާހަރާގެ ތެރެއިން ދެ ފުުލުހެއްގެ ގަޔަށް ކުޅާއެކު ހައްޕުނޑު ޖަހާފައިވާ ކަމަށާ އެކަން ކުރި މީހާ ހޯދާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިކަމަކީ ފުލުހުންގެ މެދުގައި އިދިކޮޅު ފަރާތްތަކުގައި ނުރުހުން އުފެއްދުމަށް ބަޔަކު ރާވައިގެން ކުރި ކަމެއް ކަމުގައެވެ.