ރިޕޯޓް

އިދިކޮޅު ލީޑަރޝިޕުން ވާދަ ކުރެއްވި ތިން ލީޑަރުންނަށް ވެސް ބޮޑު ކާމިޔާބެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރެއްވި ތިން ލީޑަރުން ވެސް ކާމިޔާބު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ޕްރޮގްރެސިވް ކޯލިޝަނުން މި އިންތިޚާބުގައި ވާދަ ކުރެއްވީ ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު މުޢިއްޒުއާއި ޕީއެންސީގެ ނައިބު ރައީސުން ކަމަށްވާ މުޙައްމަދު ނިމާލާއި އިބްރާހީމް ޝުޖާއުއެވެ.

ޑރ.މުޙައްމަދު މުޢިއްޒު މާލޭ މޭޔަރު ކަމަށް ވާދަ ކުރެއްވިއިރު އޭނާގެ ވާދަވެރިއެއްގެ ގޮތުގައި އެމްޑީޕީއިން ވާދަކުރެއްވީ އަނަސް އަބްދުއްސައްތާރެވެ. މުޢިއްޒު ބޮޑު ތަފާތުން ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު އެމްޑީޕީގެ ކެނޑިޑޭޓް އަނަސް ވަނީ ބަލި ގަބޫލު ކުރައްވާ މުޢިއްޒުއަށް މަރުހަބާ ވެސް ވިދާޅުވެފައެވެ. އަދި އަނަސް ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް ބަލައި އެމްޑީޕީން ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އިބްރާހީމް ޝުޖާއު ވާދަ ކުރެއްވީ މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާ އަށެވެ. މި ދާއިރާއިން ޝުޖާއުއާ ވާދަ ކުރެއްވި ކެނޑިޑޭޓަކީ ރާއްޖެ ޓީވީގެ ޕްރެސެންޓަރު ރިޒްނާ ޒަރީރެވެ. މި ދާއިރާގެ ގޮނޑި ، ބޮޑު ތަނުން ޝުޖާއު ކާމިޔާބު ކުރެއްވިއެވެ.

މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމުން ވާދަ ކުރެއްވީ ޕީއެންސީގެ ނައިބު ރައީސް އަދި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލެވެ. އޭނާ ވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ޝާހީން ހުސައިންއާ ވާދަކޮށް ފަސޭހަކަމާއެކު ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

މިއީ އެމްޑީޕީގެ ވެރިކަމެއް އަދި އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތްއިރު، ޕީޕީއެމްއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އަދި މިއީ ޕީޕީއެމްއަށް ލިބުނު ތާރީހީ ކާމިޔާބީއެކެވެ. މާލޭގެ ރައްޔިތުން ވޯޓުލައިގެން މޭޔަރުކަމުގެ މަޤާމަށް މެންބަރަކު އައްޔަން ކުރި ފުރަތަމަ ފަހަރު އެ މަގާމު މި ގެންދިޔައީ ޕީޕީއެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!