ރިޕޯޓް

މާލެ ޕީޕީއެމްއަށް، 3 ސިޓީ އެމްޑީޕީއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލު އިންތިހާބަކީ އެތައް ދުވަހެން ވާންދެން ގިނަ ބަޔަކު އިންތިޒާރު ކުރަން ޖެހުނު އިންތިޚާބެކެވެ.

Ads by STELCO

ހެނދުނު 7:00އިން ފެށިގެން އިރުއޮއްސި 6:00އަށް ވޯޓް ލުން ކުރިއަށް ދިޔަ މި އިންތިހާބަށް ވޯޓުލުމަށް ފަހު ދެން އިންތިހާބުގައި ބައިވެރިވީ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުން ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީތަކުގެ އިތުރުން، އެ ބޭފުޅުންނަށް ވޯޓު ދިން މީހުން ވެސް ދެން އެންމެ އިންތިޒާރު ކުރަމުންދިޔަ ވަގުތަކީ އިންތިހާބުގެ ނަތީޖާ އިއުލާނު ކުރާނެ ވަގުތަށެވެ.

އިންތިހާބުގެ ނަތީޖާތަކުން ވެސް ގިނަ މީހުން އެންމެ އިންތިޒާރު ކުރަމުން ދިޔައީ ތިލަފަތާއި ރުކުގެ މި ތަޅާފޮޅުންގަނޑުގައި، ރާއްޖޭގެ ހަތަރު ސިޓީގެ މޭޔަރުކަން ކުރަން ލިބޭނީ ކޮން ޕާޓީއަކަށްތޯ ބެލުމަށެވެ.

އޭގެ ނަތީޖާ މިހާރު އިއުލާނު ކޮށްފައިވާއިރު، ހަމަޔަގީނުން ވެސް އެ ނަތީޖާ ވަރަށް ތަފާތެވެ. އަދި އެހާމެ ހައިރާން ކުރުވަނިވިއެވެ.

ރަށްވެހި ފަތިހެއްގެ ފެތުރެމުން ދިޔަ ރީނދޫ ކުލައިގެ ސަބަބުން މާލެ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރާނީ ވެރިކަން ކުރާ އެމްޑީޕީ ކަމާމެދު ގިނަ ބަޔަކު ޝައްކެއް ނުކުރެއެވެ.

ނަމަވެސް ނަތީޖާ ނިމިގެން އައީ އެމީހުން ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. އިންތިހާބުގެ ނަތީޖާ ފެނުމުން ހަނދާންވީ ކުރީގެ ހައުސިންގް މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލެސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި ޑރ. މުޢިއްޒު، މިނިސްޓަރު ކަމުގައި ހުންނެވިއިރު، މާލެއަށް ވާރޭ ފޮދެއް ވެހިލާއިރަށް "މުޢިއްޒު ވެއްޖޭ" ބުނެ އުޅުނު އުޅުމެވެ.

މިފަހަރު ވެސް މިވަނީ "މުޢިއްޒު" ވެފައެވެ. ނަމަވެސް މާލެސިޓީގެ މަގުތައް އެކަންޏެއް ނޫނެވެ. މުޅި މާލެސިޓީ އެއްކޮށެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް ޢަބްދުއްސައްތާރު ބަލި ކުރުމަށް ފަހު ޑރ. މުޢިއްޒު މި ވަނީ މާލެސިޓީގެ މޭޔަރު ކަމަށް ހޮވި ވަޑައިގެންފައެވެ. އެކަމާ އެ މަނިކުފާނާއި، އިދިކޮޅު ކޯލިޝަންގެ އިތުރުން، އެމަނިކުފާނަށް ތާޢީދު ކުރައްވާ އެންމެހާ ފަރާތްތަކުން ވެސް ދަނީ އުފާފާޅު ކުރަމުންނެވެ.

ކާމިޔާބީގެ ވާހަކަ ޑރ. މުޢިއްޒުއާ ހަމައިން ނިންމައިލެވޭކަށް ނެތެވެ. މާލެސިޓީގެ މޭޔަރުކަން ތިލަފަތަށް ގެއްލި ރުކެއްގައި ޖެހުން ނަމަވެސް މިއީ އެމްޑީޕީއަށް އޮތް ބޮޑު ނާކާމިޔާބީއެކޭ ބުނެވޭކަށް ނެތެވެ.

ސަބަބަކީ ރާއްޖޭގެ ދެން އޮތް ތިން ސިޓީގެ މޭޔަރުކަން އެ ޕާޓީން ކާމިޔާބު ކޮށްފައިވުމެވެ.

އެ ގޮތުން އައްޑޫސިޓީ ކައުންސިލުގެ މޭޔަރުކަން އެމްޑީޕީގެ ޢަލީ ނިޒާރު މިވަނީ 57 އިންސައްތައާއެކު ވަރަށް ފުރިހަމަކަމާއެކު ކާމިޔާބު ކުރައްވައިފައެވެ. އެ ގޮނޑިއަށް ވާދަ ކުރެއްވި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މުޙައްމަދު ލަތީފަށް ލިބިވަޑައިގެންފައި ވަނީ 33.8 އިންސައްތަ ވޯޓެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރުކަމުގެ ނަތީޖާއަށް ބަލާއިރު، އެ ސިޓީން ވެސް މިވަނީ ތިލަފަތަށް އާނއެކޭ ބުނެފައެވެ. އެގޮތުން އެމްޑީޕީގެ އިސްމާއިލް ރަފީޤް މި ވަނީ 51.9 އިންސައްތަ ވޯޓުން ކާމިޔާބު ވެފައެވެ. ރަފީޤާ އެންމެ ގާތްކޮށް ވާދަ ކުރައްވާފައި ވަނީ ވެސް ޕީޕީއެމްގެ ކެންޑިޑޭޓެވެ. އެގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް މުޙައްމަދު ޠާރިޤް އަޙުމަދަށް ވަނީ 42.6 އިންސައްތަ ވޯޓް ހޯދައިފައެވެ.

ރާއްޖޭގެ ތިންވަނަ ސިޓީ ކަމުގައިވާ ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން ވެސް ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީއެވެ. އެގޮތުން އެ ޕާޓީގެ ކެންޑިޑޭޓް މުޙައްމަދު އާތިފް ވަނީ 43.3 އިންސައްތަ ވޯޓުން އިދިކޮޅާއެކު ޖެހި ރޭހުން ކުރި ހޯދައިފައެވެ. އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޢަބްދުﷲ އިޤްބާލަށް ލިބިފައި ވަނީ 31.9 އިންސައްތަ ވޯޓެވެ.

މިއީ ރާއްޖޭގެ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށް ދިވެހި ރައްޔިތުން ނިންމެވި ގޮތެވެ. ރީނދުލާއި ފިޔާތޮށި ކުލައިގެ ލަޝްކަރުގެ ތެރޭގައި ވެސް މި އިންތިހާބުގެ ނަތީޖާ އައިސްފައިވާ ގޮތުން ރޯނެ ބަޔަކާއި ހޭނެ ބައެއް ވެސް ތިބޭނެކަން ޔަޤީނެވެ. އެކަމަކު އުފާވާން ޖެހޭ އެއް ކަމަކީ، އަހަރު ދުވަހުގެ ދިގު އިންތިޒާރެއް މިއަދުގެ މި އިންތިހާބާއެކު އެންމެ ފަހުން ނިމި، އިންތިހާބުގެ ފިކުރުން ސަލާމަތްވެ ދެން ބަޔަކަށް ހަމަ ނޭވާލާނެ ފުރުސަތު ލިބިގެން ގޮސްފައިވުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!