ރައީސް ޔާމީން މިރެއިން މިރެއަށް ގެއަށް ބަދަލު ކުރޭ: އަދުރޭ
ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް މިރެއިން މިރެއަށް ގެއަަށް ބަދަލު ކުރެއްވުމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރ، ޕީއެންސީގެ ރައީސް ޢަބުދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ.
ޢަބުދުއްރަޙީމް މިހެން ގޮވައިލެއްވީ މިހާރު ޕީޕީއެމްއިން ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައެވެ.
މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު، އިންތިހާބުން ކާމިޔާބުވެ ވަޑައިގެންނެވުމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ގޮވައިލެއްވީ ރައީސް ޔާމީން މިރެއިން މިރެއަށް މިނިވަން ކުރެއްވުމަށާއި އަދުލު އިންސާފު ޤާއިމް ކުރެއްވުމަށެވެ.
އިދިކޮޅު ސިޔާސީ ލީޑަރު ކަމަށްވާ ރައީސް ޔާމީން ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއަކާ ގުޅިގެން މާފުށީ ޖަލުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ރައީސް ޔާމީންގެ ސިއްޙީ ހާލުކޮޅާ ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަނުން ދަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އެގޮތުން މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ނަމަވެސް އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވުމަށް އިދިކޮޅު ސިޔާސީ ލީޑަރުން ގެންދަވަނީ ގޮވައިލައްވަމުންނެވެ.
ސަރުކާރުން ރައީސް ޔާމީންގެ ސިއްޙީ ހާލުކޮޅާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ، ރައީސް ޔާމީނަށް ބޭސްފަރުވާގެ ކަންކަން އިންތިޒާމު ކޮށްދެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އެކަމާ ރައީސް ޔާމީން ދެކޮޅު ހެއްދެވި ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވިދާޅުވިއެވެ.
ސަރުކާރުގެ މިވާހަކަތައް އިދިކޮޅުން ވަނީ ދޮގު ކުރައްވައިފައެވެ. އިދިކޮޅުން ވިދާޅުވީ، އެފަދަ ފުރުސަތެއް ހުށަހަޅުއްވާފައި ނުވާ ކަމަށާއި، ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް އިދިކޮޅުން ހުއްޓުމެއްނެތި އެދެމުންދާ އެދުންތަކަށް ސަރުކާރުން ދަނީ ބީރު ކަންފަތެއް ދެމުން ކަމަށެވެ.