ބެލެވޭ ގޮތުގައި ފުލުހުންގެ ގަޔަށް ކުޅުޖެހީ މަތިން: ޝިޔާމް
ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިޔަކު ދެ ފުލުހެއްގެ ގަޔަށް ކުޅުޖެހި ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރޭގެ އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
ހަމީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭގެ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހީ އެމީހުން ފުލުހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ކަމަށެވެ. އަދި އެހާ ބޮޑަށް ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި އެކަން ކުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، މުޒާހަރާ ފެށުމުގެ ތިރީހަކަށް މިނެޓު ކުރިން ޗާންދަނީ މަގުގެ ޕޭވްމަންޓު މަތީގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއެކު ހުންނަވަނިކޮށް ފުލުހަކު ވަނީ މުޒާހަރާގެ ތެރެއިން ބަޔަކު ކުޅު ޖަހަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާކަން ހިއްސާކޮށްފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ އިދިކޮޅަީ އެފަދަ ހަޑިމުޑުދާރު އަމަލުތައް ހިންގާނެ ބައެއް ނޫން ކަމަށާއި ފުލުހުންނާއި ފުލުހުންގެ ޔުނީފޯމަށް މާބޮޑަށް ވެސް އިހުތިރާމު ކުރައްވާނެ ބައެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ދެ ފުލުހުންގެ ގަޔަށް ކުޅުޖެހި ފޮޓޯއާ ގުޅިގެން އެކި ގޮތްގޮތަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވެމުންދާ ކަމަށާއި އެގޮތުން ފޮޓޯއިން ވެސް ފެންނަ ގޮތުން ކުޅު ޖަހާފައި ހުރީ އެއް ދިމާލަކުން ނޫން ކަމަށެވެ.
"މިސާލަކަށް އަޅުގަނޑުގެ ގަޔަށް މީހަކު ކުޅުޖަހާ ކަމަށްވާނަމަ ކޮންމެވެސް އެއް ދިމާލަކުން ދެއްތޯ ޖަހާނީ. އެހެން ނަމަވެސް ފުލުސް އޮފިސަރުންގެ ވަށައިގެން ހުރި. އަޅުގަނޑުމެންގެ އެނެލިސިސް އިން އެނގޭ އެއްޗަކީ ކުރިމަތިން ނޫނީ ވަކި ފަރާތަކުން ޖެހުމަށް ވުރެ މަތިން ކޮށްފައި ހުރި ކަމެއް ކަމަށް" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، އެކަން ކުރި މީހުން ފުލުހުންނަށް އެނގޭނެ ކަމަށާއި ދުރާލާ އެކަމުގެ މައުލޫމާތު ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.