މުޒާހަރާތައް ދެން ކުރިއަށް އޮންނާނީ އީދަށްފަހު: އިދިކޮޅު

އިދިކޮޅުން ފަށާފައިވާ މުޒާހަރާތައް ދެން އޮންނާނީ އީދު ބަންދަށްފަހު ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މާދަމާއަކީ ހައްޖު ދުވަހަށް ވުމާއެކު މިރޭ މުޒާހަރާ ނޯންނާނެ ކަމަށެވެ. އަދި ދެން މުޒާހަރާތައް އޮންނާނީ އީދު ބަންދަށްފަހު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އެހެންވީމަ މިރެއިން ފެށިގެން ކުރިއަށް އޮތް ތިން ރޭ މުޒާހަރާތައް ނޯންނާނެ،"
ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އިދިކޮޅުގެ މުޒާހަރާތައް ދެން ފެށޭނީ އިތުރަށް ވަރުގަދަ ވެގެން ކަމަށެވެ. ޝުޖާއު ވިދާޅުވީ ފުލުހުންގެ ގަޔަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ކުޅުޖަހާފައިވާ ކަމަށް ބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
"މިއީ ކާކު އަޑީގައި ހުރެގެން ޖެއްސި ސުޓަންޓެއްތޯ ބެލޭނެ ދުވަސް އަދި އަންނާނެ،" ފުލުހުންގެ ގަޔަށް ހައްޕުޑުޖެހި ޖެހުމަށް އިޝާރާތް ކުރައްވާ ޝުޖާއު ވިދާޅުވިއެވެ.