ރިޕޯޓް

ރައީސް ޞާލިޙްގެ ވެރިކަމުގައި އެމްޑީޕީގެ މަގުބޫލުކަން ދުވަހަކު ވެސް ނުދާހާ ދަށަށް، ސަބަބުތަކަކީ ކޮބާ؟

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ހިތާއި ހިތުމުގެ ގުޅުމަކީ ، ރާއްޖޭގެ ފަހުގެ ތާރީޚްގައި ރަޖިސްޓްރީ ކުރި ފުރަތަމަ ސިޔާސީ ޕާޓީ (މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ) އިން ދައްކައިދިން ސިޔާސީ ރީތި މަންޒަރެކެވެ. ހައްގު މިންވަރާއި ތާހިރު ދިރިއުޅުން ފަދަ ހިތް ލައްބުވާ އެތައް ލަފުޒުތަކެއް ދިވެހި ބަހަށް އިތުރުކޮށް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހަގީގަތުގައި ވެސް އޮތީ ހިތާާ ، ހިތުގެ ގުޅުމެއް އުފެދިފައެވެ. ނޫނެކެވެ. އުފައްދާފައެވެ.

Ads by MWSC

ނަމަވެސް އިއްޔެ ދިވެހިން ލީ ވޯޓުން މަންޒަރު މިވަނީ މުޅީން ބަދަލު ވެފައެވެ. ފެނިގެން ދިޔައީ ވޯޓް ލުމަށް އެމްޑީޕީގެ މެމްބަރުންގެ އެއްވެސް ޝައުގެއް ނެތް ތަނެވެ. ހައްގު މިންވަރާއި ތާހިރު ދިރިއުޅުމުގައި ތެޅިތެޅި ހިތާ ހިތުމުގެ ގުޅުން ކެނޑިގެން ދިޔަ ތަނެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

ވައްކަމާއި ކޮރަޕްޝަން ހިމާޔަތް ކުރުން

ރައީސް ޔާމީން ވެރިކަން ބަދަލު ކުރުމުގެ ކެމްޕޭންގައި އިދިކޮޅުން އެންމެ ބޮޑަށް ވިއްކި އެއް ކަމަކީ ކޮރަޕްޝަނެވެ. ވައްކަމެވެ. ނަމަވެސް މި ވެރިކަން އައުމާއެކު ފެނިގެން ދިޔައީ ވެރިކަމުގެ ކޮއިލުގެ ތެރޭގައި ހިމެނޭ މީހުން "ގާނޫނީ އިމުގެ ތެރެއިން" ބޮޑެތި ވައްކަންތައް ކުރަމުން ދިޔަ ތަނެވެ. ބަދަލުގެ ނަމުގައި ބިލިއަނާ ގާތަށް ، ކޮއިލުގެ ބޭފުޅުންނަށް ފައިސާ ބަހައިލިއިރު މުޅި ދައުލަތް އޮތީ އެކަމަށް ރުހިގެންނެވެ. ހަމައެއާއެކު ދިވެހީން އެންމެ ހާލުގައި ޖެހުނު ކޮވިޑް މުސީބާތުގެ މި ދުވަސްވަރު "ރައްޔިތުންގެ ނޭވާ ހޮޅީން" ވެސް ކުރި ވައްކަންތައް ދިޔައީ ވަޔަށް އަރައިގެންނެވެ. ދިވެހީން ޖެހުނު ދަތި ހާލުގައި ހިތްޕުޅުދަތިވެ ރައީސް ޞާލިޙަށް ކީރިތި ކުރެއްވުނު ނަމަވެސް ، އަދި މަލަމަތި ރިވެތި ކޮށްލުމުގެ ގޮތުން ހެލްތު މިނިސްޓަރ އަމީން ބޭރު ކޮށްލެއްވި ނަމަވެސް ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން މައްސަލައިގައި އުންސުރު ހަމަ ނުވުމުގެ ސަބަބުން އެ ވައްކަން ވެސް ހިމާޔަތް ކުރެވުނެވެ. މި ކަންކަމާއެކު ވައްކަމަށް ރައީސް ޞާލިޙް ދެއްވި ޒީރޯ ޓޮލެރެންސްގެ މާނަ ވެސް އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ.

ރޭޕާއި ޖިންސީ ގޯނާއަށް ދެއްވި ޒީރޯ ޓޮލެރެންސެއް ވެސް ނޭނގުނު

މި ސަރުކާރު ފެށުނު ފަހުން އެންމެ ގިނައިން ފާޑު ކިޔުން އަމާޒުވާން ފެށި އެއްކަމަކީ ޖިންސީ ގޯނާއާއި ރޭޕްގެ މައްސަލަތަކެވެ. ރައީސް އޮފީހުގެ ސީނިއަރ އޮފިޝަލެއް ކަމަށްވާ ހަސަން އިސްމާއީލް ނޫސްވެރިއަކަށް ޖިންސީ ގޯނާ ކުރި ނަމަވެސް އޭނާ ވެސް އެތައް ދުވަހެއް ވާންދެން އެ މަގާމުގައި ދެމި ހުންނެވިއެވެ. ހިންނަވަރު ދާއިރާގެ މެމްބަރު ، އަދި ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާ ގުޅުން ހުރި މަޝްހޫރު ރޯޔަލް ރޭޕް ކޭހަށް ވެސް ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. ހާދިސާގެ މަންޒަރުގައި މުޅީން އެހެން ކުލައެއް ޖައްސާ އެ ހާދިސާ ފަރުދާ ކޮށްލިއެވެ.

ލާދީނީ އެޖެންޑާތަކުގެ މިޝަންތަކަށް ފަހި ފުރުސަތެއް

މާތްﷲގެ ޒާތު ފުޅަށާއި ކީރިތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަ ކުރަމުން ދިޔަ ލާދީނީ މިޝަންތަކުގެ ރިޕޯޓްތައް ނެރުމާއެކު ރައްޔިތުން ކެކި އުތުރުނެވެ. ޝައިޚުންނާއި އާންމުން އެކަން ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ސަރުކާރުގައި އާދޭސް ދަންނަވަމުން ދިޔައެވެ. ނަމަވެސް އެ ރިޕޯޓްތައް ނެރުނު ޖަމްއިއްޔާތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެވެރީންނަށް ވެސް ސަރުކާރުން ދެއްވީ އިނާމެކެވެ. "ރައްޔިތުން ރައްކާތެރި ކުރުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް" ތިއްބެވި ނޫ ޔުނީފޯމްގެ ވެސް އިސްކޮށް ހުންނެވީ އެ ރިޕޯޓްގެ ފައުންޑަރެކެވެ. ރައީސް އޮފީހުގައި ވެސް އެމްޑީއެންގެ ފައުންޑަރުން ތިއްބެވީ ފައި ހަރުކޮށްލަވައިގެންނެވެ. މި ހުރިހާ ކަމަކާއެކު މި ކޯލިޝަނުން ލާދީނީ މިޝަންތަކަށް ދިނީ ފަހި ފުރުސަތުތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އިންޑިއާއަށް މުޅި ގައުމު ހިތަކަށް

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަނީ ޒަމާންވީ ރަހުމަތްތެރިކަމެކެވެ. އެއީ ރަހުމާއި މަދަދުވެރިކަމުގެ ގުޅުމެކެވެ. ރައީސް މައުމޫން ބައްޓަން ކުރެއްވި އެ ގުޅުން އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ބަދަލުވެ ދަނީ އެއް ފަރާތަށް ބުރަ ގުޅުމެއްގެ ގޮތުގައެވެ. ލިބޭ ކޮންމެ އެހީއެއްގެ ބަދަލުގައި ދިވެހީންގެ ފަސްގަނޑުން ބައެއް އެމީހުންނަށް ދޭކަމީ ދިވެހީން ރުހޭ ކަމެއް ނޫނެވެ. 30 އަހަރަށް 40 އަހަރަށް ރާއްޖެގެ ރަށްރަށުގައި އިންޑިއާ ސިފައިންނަށް ތިބެވޭ ގޮތަށް އެ މީހުންނަށް ދޫކޮށްލުމަކީ ދިވެހީން އިންތިހާއަށް ނަފްރަތު ކުރާ ކަންކަމެވެ.

އެތެރޭގެ ފިނި ހަނގުރާމަ

ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ގުޅުން ރައީސް ނަޝީދު ސިފަ ކުރެއްވީ އަތުގެ ދެ އިނގިލި ދައްކަވާލައްވަމުންނެވެ. އެ ބޭފުޅުން ތިއްބަވާނީ އެގޮތުގައި ގާތުގައި ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ދެބޭފުޅުންގެ މެދުގައި ހިނގަމުންދާ ފިނި ހަނގުރާމައަކީ އެންމެން ދަންނަ ކަމެކެވެ. މިނިސްޓަރ ފައްޔާޒު "ބްރޯ ވެވަޑައިގެން" އުޅުއްވާތީ އެ މަނިކުފާނު މަގާމުން ވަކި ކުރެއްވުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތް ހުއްޓުވީ ވެސް ރައީސް ޞާލިޙެވެ. އެ ވަގުތަށް ހަތިޔާރު ބެހެއްޓި ނަމަވެސް އެ ހޫނުކަން އެއިރަށް ފަހު މަޑެއް ނުވެއެވެ. ވަޒީރުން ވަކި ކުރެއްވުމަކީ ރައީސް ޞާލިޙްގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ރައީސް ނަޝީދު އެ ވާހަކައަށް ނުބައްލަވައި މަޖިލީހުގެ ޒިންމާ އަދާކޮށް ވަޒީރުން ވަކި ކުރެއްވުމުގައި ކުރިއަށް ދިޔުމަކީ ރައީސް ޞާލިޙް ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ. ޚާއްޞަކޮށް ކޯލިޝަން ދެމެހެއްޓެވުމުގައި ހުންނެވި ޞާލިޙްގެ ޕާޓްނަރ ޕާޓީތަކުގެ ވަޒީރުން ވަކި ކުރުމަކީ ކޯލިޝަނަށް އަސަރު ކުރާ ކަމެއް ކަމަށް ރައީސް ޞާލިޙް ދެކެވަޑައިގަންނަވައެވެ.

ރާއްޖެއަށް އައި ކޮވިޑް 'އަސްލު ކޮވިޑާ" ތަފާތުވުން

ކޮވިޑްގެ ފައްސި ކޭސްތައް ފެނުމާއެކު ރައީސް ޞާލިޙްގެ ހިތްޕުޅަށް ހިތްދަތިކަން ލިބިވަޑައިގަތެވެ. ބޭއިޚްތިޔާރުގައި ކީރިތި ކުރެއްވެވި ، ރާއްޖޭގެ އިގްތިޞާދަށް ވުރެ ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވެވިއެވެ. ނަމަވެސް ސިއްޙީ މާހިރުން ދެއްވި އިރުޝާދުތަކަށް ބޯލަބައިގެން ، ރައްޔިތުން ރަނގަޅަށް އަތް ދޮވެގެން ބައިތިއްބާ ސަރުކާރުން ގެންދިޔައީ ، ސަރުކާރު ބޭނުންވާ ކަންކަން ކުރައްވަމުންނެވެ. އާންމުން އެއް ރަށުން އަނެއް ރަށަށް ދިޔުމުން ކޮވިޑް ފެތުރޭނެތީ އެކަން މަނާ ނަމަވެސް ސަރުކާރުގެ ވެރީންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން ރަށް ރަށަށް ދަތުރު ކުރައްވާއިރު އެ ބޭފުޅުންނާއެކު ކޮވިޑް ދިޔުން މަނަލެވެ. އެހެނީ ، އެ ވެރީންނަށް ދަތުރުކުރުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް މިފަދަ ދަތުރުތަކުން ބައެއް ރަށްރަށުގައި ކޮވިޑް ފެތުރި ބޮޑެތި ކްލަސްޓަރ އުފެދުމުން އެކަން ވެސް "އަތަށް ގޮވާ" ކޮވިޑްގެ ސިޔާސަތުތަކަކީ ސިޔާސީ ސިޔާސަތުތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ.

ޝަރުޢީ ދާއިރާ ރައީސް ނަޝީދުގެ އަތްޕުޅަށް ހެޔޮވަރު ކޮށްލުން

ހިތާއި ހިތުގެ ގުޅުން ވަރުގަދަ ވެގެން ދިޔަ އެއް ކަމަކީ އެމްޑީޕީން ފެށި އިންސާފުގެ ދަތުރެވެ. ޖުޑިޝަރީ އެކުލަވާލާ ގޮތަށް ބަދަލު ގެނެސް ޖުޑިޝަރީ މިނިވަން ކުރުމަކީ އެ ދަތުރުގެ މަގުސަދެވެ. ނަމަވެސް މަޖިލީހުގެ ސްޕަރ މެޖޯރިޓީ ލިބުމާއެކު ރައީސް ނަޝީދު އިސްވެ ހުންނަވާ އެ ދަތުރުގެ މިސްރާބު ބަދަލު ކޮށްލެއްވިއެވެ. އެ މަނިކުފާނުގެ އަތްޕުޅަށް ޖުޑިޝަރީ ހެޔޮވަރު ކޮށްލާ ހިތް ނުރުހޭ ފަނޑިޔާރުން "ކޮށާ ކުދި ކުރައްވަމުން" ވަޑައިގަތީ ޖުޑިޝަރީ މިނިވަން ކުރުމުގެ ނަމުގައެވެ.

މި ފަދަ އެތައް ސަބަބުތަކާއެކީ ރަންރީދޫގެ ލަޝްކަރު އިއްޔެ ފެނުނީ ހާވިޔާވެފައި ވާ ތަނެވެ. ތަރުތީބެއް ނެތް ތަނެވެ. މަގު މައްޗަށް ނިކުންނެވުމުން ސަޕޯޓަރުންނާއެކު މަގުތައް ފުރާލައްވާ ރައީސް ނަޝީދުގެ ފަހަތްފުޅުން ފެނުނީ ވިއްސަކަށް ސައިކަލްގައި ތިބި ސާޅީހަކަށް ޒުވާނުންނެވެ. މިއީ މިއަދު އެމްޑީޕީގެ ގްރާސްރޫޓް ހިތާމަ ކުރާ މަންޒަރެކެވެ. 11-0 ، 18-0 ގެ ނަތީޖާތައް ބަދަލުވެ ދިޔައީ އެމްޑީޕީގެ އެކަކު ވެސް ގަބޫލު ކުރާނެ ގޮތަކަށް ނޫނެވެ.

މި ނަތީޖާއާއެކު މި އަންނަ މަހު އެމްޑީޕީން އަނެއްކާ ވެސް ނިކުންނަނީ އިންތިޚާބަކަށެވެ. އެތެރޭގެ އިންތިޚާބެއް ނަމަވެސް އެއީ ، އިއްޔެ އެމްޑީޕީއަށް ލިބުނު ނާކާމިޔާބަށް ފަރުވާ ހޯދަން އެ ޕާޓީއަށް މުހިންމު އިންތިޚާބެކެވެ. އެމްޑީޕީގެ ފަޚުރުވެރި ސިޔާސީ ތާރީޚްގައި އެ ޕާޓީ އާންމުންގެ ކުރިމަތީގައި ދުވަހަކު ވެސް މަގުބޫލުކަން ދަށް ނުވާ މިންވަރަށް ރައީސް ޞާލިޙްގެ ވެރިކަމުގައި މި ވަނީ ދަށް ވެފައެވެ. ސަބަބުތައް ބަލައިގަނެ އެމްޑީޕީގެ މިސްރާބު ބަދަލު ކުރަން އެ ޕާޓީއަށް މިއަދު މި ވަނީ މަޖުބޫރު ވެފައެވެ.

  1. ސޯލިހި ރައީސް

    ރައީސް ސޯލިހު ބޮލަށް ނުޖެހޭނެ. ހުސްވެސް ނަށީދު ކަންތައް. ޕާޓީ އަދި މުޅި ރާއްޖެއަކީ އޭނަގެ ތަރިކަ މުދާގަނޑެކޭ ހީކޮށްގެން އުޅޭތީ.