އިންތިހާބު ނާކާމިޔާބުވުމުގައި އެމްޑީޕީ ތެރޭގައި ހުރި މައްސަލަތައް ހިމެނޭ: ފައްޔާޒް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވުމުގައި އެ ޕާޓީ ތެރޭގައި ހުރި މައްސަލަތައް ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މާލެސިޓީއާއި އައްޑޫސިޓީން އެންމެ ބޮޑު ނާކާމިޔާބީއަކާއި އެމްޑީޕީއަށް ކުރިމަތިވީ އިއްޔެގެ އިންތިހާބުންނެވެ.
އެ އިންތިހާބާ ގުޅޭގޮތުން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާލުވީ މާލެއިން ލިބުނީ ބޮޑު ނާކާމިޔާބީއެއް ކަމަށެވެ.
"ސަރުކާރަށް ނާކާމިޔާބުވި ސަބަބުތަކުގެ ތެރޭގައި ކޮވިޑާ ގުޅިގެން އަޅަން ޖެހުނު ފިޔަވަޅުތަކާއި ކުރިމަތިވި ކަންތައްތަކާއި (ރައްޔިތުންގެ) އުއްމީދުތައް މާމަތީގައި ހުރުމާއި (އެމްޑީޕީގެ) އެތެރޭގެ މައްސަލަތައް ހިމެނޭ." އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.
މީގެއިތުރުން ފައްޔާޒު ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިން ސަރުކާރު ކަންކަން ދަސްކުރާނެ ކަމަށެވެ. އަދި ކަންކަން ރަނގަޅު ކުރާނެކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
މި އިންތިޚާބުގައި އެމްޑީޕީއަށް ރާއްޖޭގެ ގިނަ ގޮނޑިތަކެއް ލިބުނު ނަމަވެސް އެންމެ ބޮޑު ދެ ސިޓީގެ މެޖޯރިޓީ އެ ޕާޓީއަށް ވަނީ ގެއްލިފައެވެ. އެގޮތުން 12 މެމްބަރުން ހިމެނޭ އައްޑޫ ސިޓީގެ ހަ ގޮނޑި އެ ޕާޓީއަށް ގެއްލިފައިވާއިރު މާލޭ ސިޓީގެ މޭޔަރާއެކު 11 ނުވަތަ 12 ގޮނޑި އެމްޑީޕީއަށް ގެއްލޭނެކަން ވަނީ ކަށަވަރު ވެފައެވެ.