ޚަބަރު

ކުޑަކުދިންނަށް އިހުމާލުވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނަން: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރަން ތިބި ދައުލަތުގެ އެއްވެސް މުވައްޒަފަކު އެކަމަށް އިހުމާލުވެއްޖެނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކ. ގުރައިދޫ އެމްޑީޕީ ހަރުގެ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކީ ޒަމާނުއްސުރެ އެކަމާ ދޭތެރޭ އަޅާނުލެވި އޮތް އޮތުމުގެ ސަބަބުން ދިމާވެފައިވާ ކަމެއް ކަމަށެވެ.

ނަމަވެސް މާޒީގައި ކަންތައްތައް ހިނގި ގޮތުގެ ވާހަކަ ދައްކަން ތިބެވެން ނެތް ކަމަށާއި އެގޮތުން ވަގުތުން ވަގުތަށް އެކަމާ މެދު ފިޔަވަޅު އަޅައި އެކަން ހައްލުކުރަން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މިރޭ ވެސް ޔަގީންކަން މިއަރުވަނީ، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކާ މަސައްކަތް ކުރުމަށް ހަވާލުވެތިބި ދައުލަތުގެ އެއްވެސް މުވައްޒަފަކު، އެއިން ކަމަށް އިހުމާލުވެއްޖެނަމަ އެކަމާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އެ މުވައްޒަފަކާ ދޭތެރޭ އަޅުގަނޑު އަޅާނަން. އަދި ޒިންމާދާރު ކުރުވުމަށްޓަކާ ވެސް ކުރަންޖެހޭ ހުރިހާ ކަމެއް ފަސްނުޖެހި ކުރާނަން" ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ވެސް މުޖުތަމައުގެ ތެރޭގައި ބޮޑެތި އެހެން މައްސަލަތަކެއް ވެސް އެބަހުރި ކަމަށެވެ. އެގޮތުން ހަރުކަށި ފިކުރުގެ މައްސަލައާއި ކޮރަޕްޝަންގެ މައްސަލަތައް ފަދަ މައްސަލަތަކަކީ އެއްފަހަރާ އެކުއެކީގައި ކުރިމަތިލާން ޖެހިފައިވާ މައްސަލަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މިފަދަ ކަންކަން ހައްލުކުރެވޭނީ ޒިންމާދާރު ކަމާއެކީގައި މަސައްކަތް ކުރެވޭނެ ބަޔަކު ހޯދިގެން ކަމަށާއި އެމްޑީޕީން ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ފަސް އަހަރުގެ ދައުރުގެ ތެރޭގައި މިފަދަ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ މިރޭ ދެއްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!