ޚަބަރު

ކައުންސިލްގެ އެންމެ ބޮޑު އަމާޒަކީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުން: ޑރ.މުއިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެ ސިޓީ ކައުންސިލްގެ އެންމެބޮޑު އަމާޒަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުން ކަމުގައި މާލެ ސިޓީ ކައުންސިލްގެ އިންތިޚާބީ މޭޔަރު ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ.މުއިއްޒު މިހެން ވިދާޅުވީ "މިއީ މަގޭ ރާއްޖެއަށް އަލިވިލުމުގެ އުފާ ފާޅުކުރުން" ނަމުގައި ރޭ ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ ކެންޕެއިން ކުރުމަށް ގޭގެއަށް ޒިޔާރަތް ކުރުމުން ރައްޔިތުންގެ ދިރިއުޅުން ގާތުން ފެނިގެން ދިޔަ ކަމަށެެވެ. އަދި ރައްޔިތުންގެ ފަރާތުން އަޑު އިވުނު އެންމެ ބޮޑު ޝަކުވާ އަކީ ބޯހިޔާވަހިކަން ހައްލު ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ގޭގެއަށް ޒިޔާރަތް ކުރުމުން ފެނިގެން ދިޔައީ ރައްޔިތުން ވަރަށް ހާލުގައި ދިރިއުޅޭ ތަން. އެންމެބޮޑު ޝަކުވާއަކީ ބޯހިޔާވަހިކަމުގެ ޝަކުވާތައް. އަޅުގަނޑުމެން މިކަން ހައްލުކޮށް ދިނުމަށް ސަރުކާރުގެ ވުޒާރާތަކަށް ހުށަހަޅަންޖެހޭ ކަންކަން ހުށަހަޅައިގެން މިކަން ހައްލުކޮށްދޭނަން. އަޅުގަނޑުމެން މަސައްކަތް ކޮށްދޭނީ ވަރަށް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު." ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މި އިންތިޚާބުގައި ރައްޔިތުން ދެއްވި ވޯޓަކީ މާލޭގެ ހާލަތު ބަދަލު ކުރުމަށް ރައްޔިތުން ދެއްވި ވޯޓެއްކަމަށެވެ. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރައްވާނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކޮށްދެއްވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!