ކައުބަތުﷲ ގެފުޅުގައި ރަމަޟާން މަހު ނަމާދާއި އުމްރާ ކުރާ ގޮތުގެ ގައިޑްލައިނެއް
ކައުބަތުﷲ ގެފުޅުގައި ރަމަޟާން މަހު ނަމާދާއި އުމްރާ ކުރާ ގޮތުގެ ގައިޑްލައިނެއް ސައުދީ އަރަބިއްޔާގެ އުމްރާ އާއި ހައްޖު ކޯޕަރޭޝަނުން ނެރެފިއެވެ.
އެންމެ މުހިންމު ކަމެއްގެ ގޮތުގައި މި ގައިޑްލައިންގައި ވަނީ ވެކްސިން ޖެހުމެވެ. އަދި ފުރަތަމަ ޑޯޒް ފުރިހަމަ ނުކޮށް އުމްރާގެ އަޅުކަން އަދާ ކުރުމަށާއި، މައްކާގެ ހަރަމްފުޅުގެ އިތުރުން މަސްޖިދުއް ނަބަވީގެ އެތެރެއަށް ވެސް ނުވަދެވޭނެ ކަމަށް މި ގައިޑްލައިންގައި ވަނީ ބުނެފައެވެ.
ހަމަ އެއާއެކު ހުއްދަ ދޫކުރެވޭނީ ވެސް އެކަމަށް ކަނޑައެޅިފައިވާ ހާއްސަ ޕޯޓަލް ތަކާއި އެޕް ތައް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ވެސް ސިއްހީ ހާލަތު ދެނެގަނެވޭނެ ފަދަ ވަސީލަތްތައް ވެސް ވަނީ މި ހާލަތާ ގުޅިގެން އިތުރު ކޮށްފައެވެ. އެގޮތުން ސިއްހީ ހާލަތުތައް ދެނެގަނެވޭނެ ވަސީލަތްތަށް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް އެމީހެއްގެ ސިއްހީ ހާލަތު ހުރި ގޮތެއްގެ މައްޗަށް ބިނާކޮށް ވަކި ކުލައެއް ދެވޭނެއެވެ. އަދި ކޮންމެ ކުލައަކަށް ބާކޯޑެއް ވެސް ވަނީ ޤާއިމް ކުރެވިފައެވެ.
ގައިޑްލައިންގައިވާ ގޮތުން ހުއްދަ ދީފައިނުވާ އުޅަނދުތަކަށް މައްކާގެ ސަރަހައްދަށް ނުވަދެވޭނެއެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް އަންނަ ފަރާތްތަކުން ގަޑިއަށް ސަމާލުވުމަށް ވެސް މި ގައިޑްލައިންގައި އިލްތިމާސް ކޮށްފައިވެއެވެ. މީގެ އިތުރުން ކުޑަކުދިން މިސްކިތްތަކަށާއި އެ ސަރަހައްދާއި ކައިރިވުން ވެސް ވަނީ މަނާ ކޮށްފައެވެ.
މިނިސްޓްރީގެ ހުއްދައާ ނުލާ އުމްރާ ވުމަށް އަންނަ ފަރާތްތަކުން 2667 ސައުދީ ރިޔާލުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމައިފައެވެ. ހުއްދައާނުލައި މިސްކިތްތަކަށް ވަންނަން މަސައްކަތް ކުރާނަމަ 1000 ރިޔާލުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މި ގައިޑްލައިން ތަކުގެ އިތުރުން މައްކާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވަނީ ތަރާވީޙް ނަމާދު 30 މިނިޓަށް ވުރެ ދިގުކޮށް ނުކުރުމަށް އަންގާފައެވެ. މީގެ އިތުރުން ސިއްހަތާ ބެހޭ ފަރާތްތަކުން ކަނޑައަޅައިފައިވާ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި ބޯލެނބުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.