ދީން

ރޯދަމަހުގައި ކުރި ހެޔޮ ޢަމަލުތައް ރޯދަމަހަށް ފަހު ހުއްޓާލަނީ ކީއްވެ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރަމަޟާން މަސް ފެށުމާއެކު ހެޔޮކަމަށް މީސްތަކުން އަވަސްވެގަންނަ ތަން ފެނެއެވެ. އަޅުކަމުގައި އެކަކު އަނެކަކު ވާދަކުރާ ތަން ފެނުނެވެ. އެއް ބަޔަކު ނަމާދުގައި ފުރަތަމަ ސަފު ހޯދުމަށް ގަދައަޅައި މަސައްކަތްކުރެއެވެ. އެހެނީ އެބައި މީހުންނަށް ފުރަތަމަ ސަފުގެ މާތްކަން އެނގެއެވެ. އަނެއްބަޔަކު މުސްޙަފް ކިޔެވުމުގައި ވާދަކުރެއެވެ. މާތް ﷲގެ ރަޙްމަތުން ގިނަ ބަޔަކު ސުވަރުގޭގެ އަހުލުވެރިންގެ ލިސްޓުގައި ލިޔެވޭނެ ކަމަށް އުއްމީދު ކުރެއެވެ. ދުޢާއަކީ އެ ލިސްޓުގައި އަޅުގަނޑުމެންގެ ނަން ވެސް ލިޔެވުމުގެ ތައުފީގު މިންވަރު ކުރެއްވުމެވެ.

Ads by STELCO

އަޅުކަމާއި ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެންނާ ވަކިވެގެން ދެއެވެ. ޢީދަށް ހަނދު ބެލުމާއެކު ޝައިޠާނުންތައް ކަސްތޮޅުން ނެއްޓެއެވެ. އެ ހިސާބުން ޢީދު ފާހަގަ ކުރުމުގެ ނަމުގައި ޙަލާލެއް ޙަރާމެއް ބެލުމެއް ނެތި އުފަލާއި މަޖަލަށް މީސްތަކުން ޣަރަޤުވެގެން ދިޔައެވެ. ރޯދަމަހު ހެޔޮ ޢަމަލެއް ކުރިކަން ހަނދާން ވެސް ނެތް ފަދައެވެ.

ރޯދަމަހުގައި ކުރެވުނު ނަމާދާއި ނެރުނު ޒަކާތާއި އެހެނިހެން އަޅުކަންތައް ޤަބޫލު ކުރެވުނުކަމުގެ އިޙްސާސް ތިބާއަށް ވޭ ހެއްޔެވެ؟ އެ އިޙްސާސް ނުކުރެވޭ ނަމަ ރޯދަމަހަށް ފަހު ތިބާއާ ތިބާގެ ވެރި ރައްބާ ދެމެދު އޮތް ގުޅުން ދިރާސާ ކޮށްލާށެވެ. ރޯދަ މަހުގައި އޮތް ގުޅުން މިއަދު ހީނަރުވެފައިވާ ނަމަ ދަންނާށެވެ. ތިބާ ﷲ އަށް ބިރުވެތިވާށެވެ! މާތް ﷲ ބައްލަވާވޮޑިގެންވާ ކަމަށް ޤަބޫލުކޮށް ސިއްރުން ނަމަވެސް ކާއެއްޗެއް ނުކަމެއް ނޫން ހެއްޔެވެ؟ އެކަލާނގެ ޞަވާބާއި ރަޙުމަތަށް އެދި ހެޔޮކަންތައްތައް ކުރީމު ނޫން ހެއްޔެވެ؟ ދަންނާށެވެ! ރޯދަމަސް ވަކިވެ ދިޔަ ނަމަވެސް، ރޯދަމަހުގެ ވެރި އިލާހުއީ ދާއިމަށް ދިރިދެމިވޮޑިގެންވާ މަރުވުމެއް ނުވާ ރަސްކަލާނގެއެވެ. އެހެން ކަމުން ބާކީ އޮތް 11 މަހުގައި ވެސް އެކަލާނގެއަށް އަޅުކަން ކުރުން ވާޖިބުވެގެން ވެއެވެ. ގަދައަޅައި މަސައްކަތް ކުރާށެވެ. ސުވަރުގެ އެދޭ މީހާއަށް ވަރުގަދަ އަޒުމާއި ހިތްވަރު ބޭނުންވާނެއެވެ.

މާތް ﷲ އަށް އަޅުކަންކުރުމަކީ ވަކި މޫސުމަކަށް ޚާއްސަވެފައިވާ ކަމެއް ނޫނެވެ.

ތިބާގެ ރީތިކަމާއި، ހަށިގަނޑުގެ ވަރުގަދަކަމާއި މުދާ ފެނިފައި ތިބާ ﷲ ގެ މަގުން ހެއްލިގެން ނުދާށެވެ. އަވާމެންދުރަށް ހެއްލުމަކީ މޮޔަކަމެކެވެ. ރީތިކަން ފަނޑުވެދެއެވެ. މުސްކުޅިވުމާއެކު ހަށިގަނޑުގެ ބާރު ނެތިދެއެވެ. ކިތަންމެ މުދަލެއް ލިބިފައި ވިޔަސް، ﷲ ގެ މަގުގައި ހޭދަ ނުކުރާނަމަ މަންފާއެއްނެތެވެ. މުދާތައް ހިފައިގެން ކައްވަޅަކަށް ނުދެވޭނެއެވެ.

ކަށްވަޅަކީ އެއްބަޔަކަށް ބިރުވެރި ނާމާން އަނދިރި ތަނެކެވެ. އަދި އަނެއް ބަޔަކަށް އަލިވެގެންވާ ހިތްހަމަޖެހުން ލިބިގެންވާ ތަނެކެވެ. ކައްވަޅުގެ އިމްތިޙާނުން ފާސްވެއްޖެ މީހާ ކާމިޔާބުވެއްޖެކަން ޔަޤީނެވެ. އެކާމިޔާބީއަށް އެދޭ މީހާއަށް އޮތީ ރޯދަމަހުގައި ވެސް އަޅުކަން ކުރިފަދައިން، އިޚްލާސްތެރިކަމާއެކު މާތް ﷲ އަށް ބޯލަނބައި ކިޔަމަންވުމެވެ. ފަރުޟު ފަސް ނަމާދު ބަރާބަރަށް ޤާއިމްކުރުމެވެ. އެހެނީ ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ސުވާލުވެވޭނީ ނަމާދާ ބެހޭ ގޮތުންނެވެ. އެސުވާލުން ފާސް ނުވެއްޖެ ނަމަ ތިބާއަށް ނަރަކަ ޙައްޤުވެއްޖެއެވެ. އެއީ އަނދައަނދާ ހުންނަ އަލިފާނެވެ. އެތަނުގެ ދަރަކީ މީހުންނާއި ހިލައެވެ. ނަމާދު ނުކޮށް ކިތަންމެ ގިނަ ހެޔޮކަމެއް ކުރިއެއްކަމަކު ފައިދާއެއް ނުކުރާނެއެވެ.

އެހެންކަމުން، އަޅުކަމަށް ފަރުވާ ކުޑަ ނުކުރަމާ ހިނގާށެވެ. މިއަދު ކުރި ހެޔޮކަމަކުން މެނުވީ މާދަމާ މަންފާއެއް ނުކުރާނެއެވެ. ރަމަޟާން މަހަށްފަހު ކުރެވިދާނެ ބައެއް އަޅުކަންތައްތަކަށް ބަލާއިރު:

1. ފަރުޟު ފަސް ނަމާދު އޭގެ ވަޤުތުގައި ޤާއިމްކުރުން

2. ސުންނަތްކަން ގަދަވެގެންވާ ރަވާތިބް ސުންނަތުގެ 12 ރަކުޢަތް ކުރުން (ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކުޢަތް، މެންދުރު ނަމާދުގެ އިހު ސުންނަތުގެ 4 ރަކުޢަތް އަދި މެންދުރު ނަމާދާއި މަޣްރިބް ނަމާދާއި ޢިޝާ ނަމާދުގެ ފަހު ސުންނަތުގެ 2 ރަކުޢަތް)

3. މަހަކު އެއް ފަހަރު ޚަތިމް ކުރުން

4. ޟުޙާ ނަމާދު ކުރުން

5. ވިތުރި ކުރުން

6. މަހަކު ކޮންމެވެސް ވަރެއް ޞަދަޤާތްކުރުން

7. ﷲ ގެ ނަންފަޅު ގަނެވޭ ނަޞޭޙަތުގެ މަޖްލިސްތަކަށް ދިއުން

8. ދަމު ނަމާދުކުރުން

9. ހޯމަ އަދި ބުރާސްފަތި ދުވަހު ސުންނަތް ރޯދަ ހިފުން

10. ކޮންމެ ހުކުރު ދުވަހަކު ކަހަފް ސޫރަތް ކިޔެވުން

އަދިވެސް މިފަދަ އެތައް ކަމެއް ކުރެވިދާނެއެވެ. ސަމާލުކަން ދޭންވީ އެއްކަމަކީ ކިތަންމެ ކުޑަ ހެޔޮކަމެއް ނަމަވެސް ދޫކޮށްނުލުމަށެވެ. އަދި ދާއިމަށް އެކަމެއް ކުރުންމަތީގައި ދެމިހުރުމަށެވެ.

ރޯދަމަސް ނިމިދިޔަ ނަމަވެސް އަޅުގަނޑުމެންގެ ވެރި ރައްބަށް އަޅުކަން ކުރުން ހުއްޓާނުލާށެވެ. ހެޔޮ ކަންތަކަށް ވާދަކުރުން ވަނީ ހަމައެކަނި ރަމަޟާން މަހުގައި ކަމަށް ނުހަދާށެވެ. ކަސްތޮޅުން ސަލާމަތްވެގެން އަންނަ ޝައިޠާނުންގެ ވަސްވާސްތަކަށް ހެއްލިގެން ނުދާށެވެ. މާތް ﷲ، އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވައި ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެގަންނަ ބަޔަކު ކަމުގައި އަޅަމެން ލައްވާށިއެވެ. އާމީން.

ނޯޓު: އިލްމް.އެމްވީ އިން ނެގިފައިވާ ލިޔުމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!