ޚަބަރު

ނަތީޖާ އިއުލާނު ކުރިއިރު ގުރައިދޫ ފޮށީގެ ގިނަ ވޯޓުތަކެއް "ގެއްލިއްޖެ"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި މަހުގެ 10ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ އަތޮޅު ގުރައިދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ލާފައިވާ ގިނަ އަދަދެއްގެ ވޯޓް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އިއުލާން ކުރިއިރު "ގެއްލިފައި" ވާކަން ހާމަވެއްޖެއެވެ.

Ads by Sosun Fihaara

އީސީގެ ވެބްސައިޓްގައި އާއްމު ކޮށްފައިވާ މައުލޫމާތައް ބަލާއިރު ގުރައިދޫ ކައުންސިލަށް ޕީޕީއެމްގެ ފަރާތުން ވާދަކުރި އިބްރާހިމް ޝަލީޒް އާއި ޕީޕީއެމްގެ އަލީ ޝަމީމަށް ލިބުނީ 23 ވޯޓެވެ. އަދި އެމްޑީޕީގެ ހަމީޒް މުހައްމަދަށް 63 ވޯޓް ލިބިފައިވާއިރު، އެމްޑީޕީގެ ހުސެއިން ނިހާލަށް 77 ވޯޓު ލިބިފައިވާކަމަށް ވެސް ދައްކާފައިވެއެވެ.

އެ ނަތީޖާއިން ދައްކާ ގޮތުގައި ގުރައިދޫން އެންމެ ގިނަ ވޯޓު ހޯދައިފައި ވަނީ ވެރިކަން ކުރާ އެމްޑީޕީގެ ދެ ކެނޑިޑޭޓުންނެވެ.

ނަމަވެސް ވޯޓްލީ މަރުކަޒުގައި އިއުލާންކުރި ނަތީޖާ ޝީޓުން ދައްކާ ގޮތުގައި ޕީޕީއެމްއިން ވާދަކުރި ޝަލީޒްއަށް 177 ވޯޓު އަދި އެ ޕާޓީގެ ޝަމީމަށް 160 ވޯޓް ލިބިފައިވެއެވެ. އެމްޑީޕީގެ ހަމީޒް މުހައްމަދަށް ލިބުނީ 126 ވޯޓެވެ. އަދި އެމްޑީޕީގެ ހުސެއިން ނިހާލަށް ލިބުނީ 146 ވޯޓެވެ.

ކައުންސިލް އިންތިހާބުގެ ނަތީޖާއާއ މެދު މިހާރު އިދިކޮޅު ގިނަ ކެނޑިޑޭޓުންނާއި ސަޕޯޓަރުން އަންނަނީ ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަތީޖާ އޮޅުވާލައިގެން އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓް އިތުރު ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ވެސް ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!