ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމޭނީ ހުކުރު ދުވަހު ކަމަށް އީސީން ބުނެފި

މި މަހުގެ 10ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިންމާލެވޭނީ ހުކުރު ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެ އިންތިހާބުތަކުގެ ވަގުތީ ނަތީޖާ މިއަދު ވަނީ އިއުލާނު ކުރަން ފަށާފައެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމޭނެ ކަމަށެވެ.
އިންތިހާބާ ބެހޭ ޤާނޫނުގައި ބުނާ ގޮތުގައި، އިންތިހާބެއްގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ވަކި މުއްދަތެއް ދީފައިނުވި ނަމަވެސް، އެ އިންތިހާބެއް ބޭއްވޭތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނު ކުރަން ޖެހޭނެއެވެ. އެހެންކަމުން މި ހިނގާ އޭޕްރިލް މަހުގެ 24ގެ ކުރިން، މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން އިލެކްޝަންސް ކޮމިޝަނަށް ޖެހޭނެއެވެ.