އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި 3 މީހުން ހައްޔަރުކޮށްފި

ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީހުގެ ދޮރުގެ ބިއްލޫރި ގަނޑެއް ތަޅައިލި މައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރު ކޮށްފިއެވެ.
ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ މި މައްސަލައިގައި މިހާތަނަށް ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެކަމާ ގުޅޭ އިތުރު ތަފުސީލުތައް ފަހުން ހާމަކުރާނެ ކަމަށެވެ.
ޕޭމަންޓް ގަލަކުން ޖަހައި އެމްޑީޕީ އޮފީހުގެ ބިއްލޫގަނޑު ތަޅައިލައިފައި މި ވަނީ އިލެކްޝަން ކޮމިޝަންގެ ތެރޭގައި އެ ދުވަހު ބޮޑު ހަމަނުޖެހުމެއް ހިނގާފައި ވަނިކޮށެވެ.
އެ ދުވަހު ހަމަނުޖެހުން ހިނގާފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބު 2021 ގެ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް އިލްކެޝަންސް ކޮމިޝަންގައި ހިނގަމުން ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް ގޮސް އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތް ކުރިޔަ ނުދީ އެ މަސައްކަތަށް ހުރަސް އަޅާފައިވާތީ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އިލެކްޝަން ކޮމިޝަންގައި ހަމަނުޖެހުން ހިނގާފައި ވަނީ، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވި ހިސާބުންނެވެ.
ހަމަނުޖެހުންތަކާ ގުޅިގެން އިލެކްޝަނުން ވަނީ އެއްވެސް ވޯޓު ފޮއްޓެއް ނުގުނުމަށް ނިންމާފައެވެ.