ދުނިޔެ

ދަރިފުޅު ހައްޔަރު ކޮށްގެން ގެންދާތަން ފެނުމުން ހާޓް އެޓޭކެއް ޖެހިގެން އުމުރުން ދުވަސްވީ މަޔަކު ނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޝްރީނަގަރް:ދަރިފުޅު ހައްޔަރު ކޮށްގެން ގެންދާތަން ފެނުމުން ވީ ދެރައިން ހާޓް އެޓޭކެއް ޖެހި، އެ ކުއްޖާގެ މަންމަ ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 60 އަހަރުގެ ޚަދީޖާ ނަމަކަށް ކިއުނު މީހެކެވެ.

އެ އާއިލާއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އެ މީހުން ނިދާފައި ތިއްބާ ދަންވަރު 2:30 ހާއިރު ހޭލެވުނީ ޖައްމޫ-ކަޝްމީރްގެ ފުލުހުންތަކެއް އެމީހުންގެ ގޭގައި ވަރަށް ބާރަށް ތެޅުމުން ކަމަށެވެ.

"ފުލުހުން އައިސް އަހަރުމެންގެ ގެ ރެއިޑްކުރި. ބުނީ އަހަރެންގެ ބޭބެ ބަލައޭ މިއައީ ސުވާލުކުރަން ގެންދަން" ޚަދީޖާގެ އަންހެން ދަރިފުޅު ރުބީނާ ބުންޏެވެ.

ރުބީނާއަކީ ލޯފަން މީހެކެވެ. އޭނަގެ ބޭބެ ޖާވިދު އަޙުމަދު ގެންދަން އުޅުމުން ފުލުހުން ހުއްޓުވަން އޭނާ މަސައްކަތް ކުރިކަމަށާއި އެހެން ނަމަވެސް ފުލުހުން އޭނާ ކޮށްޕައިލައިފައި ދިޔައީ ކަމަށް ރުބީނާ ބުންޏެވެ.

ފުލުހުން ގަދަކަމުން ޖާވިދު ގެންދަނިކޮށް، ޚަދީޖާއަށް ހާޓް އެޓޭކެއް ޖެހިގެން ވެއްޓުނީ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ ނިޔާވެފައި ކަމަށް ވެސް ރުބީނާ ބުންޏެެވެ.

ކަޝްމީރްގެ އާއިލާއަކަށް ދިމާވި މި ހިތްދަތި ހާދިސާގައި ފުލުހުން ކަންތައް ކުރި އިހާނެތި ގޮތާ ގުޅިގެން އެތައް ބަޔަކު އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!