ދުނިޔެ

ހޮސްޕިޓަލުގައި އަލިފާން ރޯވެ އަނދަމުން ދަނިކޮށް ހިތުގެ ބޮޑު އޮޕަރޭޝަނެއް ކޮށް ނިންމައިލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރަޝިޔާގެ އަވަށެއްގައި ހުރި ހޮސްޕިޓަލުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، މުޅި ހޮސްޕިޓަލް އަނދައި އަޅިއަށް ވަމުން ދިޔަ ވަގުތެއްގައި، ހިތުގެ ބޮޑު އޮޕރޭޝަނެއް ކާމިޔާބުކަމާ އެކު ކޮށްފިއެވެ.

Ads by Sosun Fihaara

ލަކުޑިން ހަދައިފައިވާ މި ހޮސްޕިޓަލުގެ ފުރާޅުގައި އަލިފާން ރޯވުމާއެކު މުޅި ހޮސްޕިޓަލުގައި ދުން ފެތުރި، ގާތްގަނޑަކަށް 60 ބަލި މީހުން އެ ހޮސްޕިޓަލުން ބޭރު ކުރި ކަމަށް ބޭރުގެ މިޑިއާތަކުން މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް އެ ވަގުތު ކުރިއަށް ދިޔަ ހިތުގެ އޮޕަރޭޝަން ހުއްޓާލެވެން ނެތުމުން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކަމުގައި ވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ހުކުރު ދުވަހު ހިނގައިދިޔަ މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ހިތުގެ އޮޕަރޭޝަން ކުރެވުނު މީހާގެ އޮޕަރޭޝަން ނިންމާލުމަށް ފަހު ވަރަށް އަވަހަށް އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރެވިގެން ދިޔަ ކަމަށް ވެސް މިޑިއާ ތަކުން މައުލޫމާތު ލިބެއެވެ. އަދި މި ފަދަ ނާޒުކު ދަނޑިވަޅެއްގައި އެހައި ނުރައްކާތެރި މަސައްކަތެއް ކުރި އެންމެހައި ޑޮކްޓަރުންނަށް ވެސް ރަޝިޔާގެ ގިނަ ބައެއްގެ ތައުރީފުގެ ބަސްތައް ވަނީ އޮހެން ފަށައިފައެވެ. އަދި އެތައް ބައެއްގެ ލޯތްބާއި ސަމާލުކަން ވެސް ވަނީ އެ ޑޮކްޓަރުންނަށް ލިބިގެން ގޮސްފައެވެ.

އޮޕަރޭޝަން ކުރެވުނު މީހާގެ ހާލު ރަނގަޅު ކަމަށާއި މިހާރު އޭނާއަށް ފަރުވާ ދެމުން ގެންދަނީ އެހެން ހޮސްޕިޓަލެއްގައި ކަމަށް ވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!