ޚަބަރު

ވަގުތީ ނަތީޖާ އިއުލާނުކުރުން ނިމި، ދެވަނަ ބުރު ބާއްވަންޖެހޭ ދާއިރާތައް ނިންމަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަން -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މި ހިނގާ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެއެވެ.

Ads by Hajj Corporation

ރޭ 10:00 އިން ފެށިގެން، ވަގުތީ ނަތީޖާ އިއުލާނު ނުކުރާ ފޮށިތަކުގެ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނު ކޮށްފައެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ހއ. ތަކަންދޫ އާއި ބ. ކިހާދޫ ގައި ދެވަނަ ބުރު ބާއްވަން ޖެހެއެވެ. އެ ދެ ރަށުގެ ކައުންސިލަށް އިންތިހާބު ކުރަން ޖެހެނީ ފަސް މެންބަރުންނެވެ. ނަމަވެސް އެންމެ މަތިން ވޯޓް ހޯދި ހަތަރު ކެންޑިޑޭޓުންގެ ފަހަތުން ދެ ކެންޑިޑޭޓަކު ވަނީ އެއްވަރަށް ވޯޓް ހޯދާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ޖެހޭ ރަށްތައް ފައިނަލް ކުރުމަށާއި އިންތިހާބާ ގުޅޭ ގޮތުން ލިބިފައިވާ ޝަކުވާތަކާ މެދު ގޮތެއް ނިންމުމަށް ކޮމިޝަންގެ ރަސްމީ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމާފައިވާ ކަމަށެވެ.

"އަދި އަޅުގަނޑުމެން އެއްވެސް ރަށެއްގައި ދެވަނަ ބުރު ބޭއްވުމަށް ފައިނަލް ނުކުރަން. މިއަދުގެ ބައްދަލުވުމުގައި އެކަން ނިންމާނީ. ދެވަނަ ބުރު ބާއްވަން މި ޖެހެނީ ފަސް މެންބަރުން އިންތިހާބުކުރާ ކައުންސިލެއް ނަމަ ފަސްވަނަ އަށް އިންތިހާބުކުރަން ޖެހޭ ކެންޑިޑޭޓަކަށް ދެ ބޭފުޅެއްގެ ވޯޓް އެއްވަރުވެއްޖެ ނަމަ،" ފުއާދު ވިދާޅުވިއެވެ.

އީސީން އިއުލާނު ކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު، މާލޭ ސިޓީ ފިޔަވައި ހުރިހާ ދާއިރާތަކަކުން ކުރީގައި އުޅެނީ އެމްޑީޕީއެވެ.

މި އިންތިހާބުގެ ވޯޓާ މެދު އިދިކޮޅުގެ ގިނަ ޝަކުވާތަކެއް ހުރި އިރު، ވޯޓު އޮޅުވާލާ ކަމުގެ ތުހުމަތުތަކެއް ވެސް އީސީއަށް ވަނީ ކުރިމަތިވެފައެވެ. އަދި ވޯޓު އޮޅުވާލާކަމަށް ބުނެ މުލަ ރޯދަ ދުވަހު އިދިކޮޅުން ވަނީ އީސީ ސަރަހައްދުގައި މުޒާހަރާ ވެސް ކޮށްފައެވެ.

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައި ވަނީ 713 ފޮއްޓެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!