ޚަބަރު

ފަހި މުސްތަޤްބަލެއް ބިނާކުރުމަށް ސަޤާފީ ތަރިކަ މުހިއްމު ދައުރެއް އަދާކުރޭ: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިޤްތިޞާދީ ކުރިއެރުމާއި، ފަހި މުސްތަޤްބަލެއް ބިނާކުރުމަށް ސަޤާފީ ތަރިކަ މުހިއްމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި އެ ޓްވީޓެއްގައި ރައީސް ވިދާޅުވީ މި ޖަޒީރާ ރާއްޖޭގެ މުއްސަނދި ތާރީޚާއި ސަޤާފީ ތަރިކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިމަގު ބިނާކުރުމަށް ލިބިފައިވާ އަގުނުކުރެވޭ ފަދަ ނިޢުމަތެއްކަމަށެވެ.

ތަރިކަ ޙިމާޔަތްކުރުމުގެ ޤާނޫނެއް އެކުލަވާލައި މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. މި ޤާނޫނާއެކު، ތަރިކަ ދެނެގަންނާނެ ގޮތާއި، ހިމާޔަތްކުރާނެ ގޮތްތަކާއި، ތަރިކައާ މެދު އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ގޮތްތައް ވެސް ވަނީ ކަނޑައެޅިފައެވެ.

ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ގިނަ މީހުން ދަނީ ދުވަހުގެ ތަހުނިޔާ އަރިސްކުރަމުންނެވެ. ތަރިކައިގެ ދުވަހާ ގުޅިގެން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހީންގެ މުއްސަނދި ސަގާފީ ތަރިކައަކީ އަމިއްލަވަންތަކަން ދައްކައިދޭ އެއްޗެއް ކަމަށާއި އެ ތަރިކަ ރަނގަޅަށް ރައްކާތެރި ކުރެވިއްޖެނަމަ އެއީ ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރުމަށް ލިބިފައިވާ އަގު ނުކުރެވޭ ފަދަ ވަސީލަތެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!