ޚަބަރު

މަސް ދޯނީގައި ބިދޭސީން ގެންގުޅުން ހުއްދަކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ މަސް އުޅަަނދު ފަހަރުގެ މަސައްކަތަކުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަ ދޭން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

Ads by STELCO

މިނިސްޓްރީން ބުނީ މަސްވެރިކަންކުރުމުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޙަރަކާތްތެރިވުމާ ގުޅޭ މައްސަލައިގައި ގިނަ ދުވަސް މަތިން ދައުލަތުގެ ކަމާގުޅޭ އެކި މުއައްސަސާތަކުގެ މެދުގަޔާއި، އޮޑިވެރިންނާއި މަސްވެރިން، އަދި
މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ފަހު، މަސް ދޯނިފަހަރުގައި ކުރާ ބައެއް މަސައްކަތަކަށް ދިވެހިން ނުލިބުމުގެ ދަތިކަން އޮޑިވެރިންނަށް ވަރަށް ބޮޑަށް އޮތުމާއެކު، އަދި ދިވެހިރާއްޖޭގެ ދޮށީގެ އަދި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ގަވާއިދާ ޚިލާފަށް (ސައްޙަ ހުއްދައެއް ނެތި ބިދޭސީން ޙަރަކާތްތެރިވަމުން ދިއުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމަކީ ޤާނޫނާއި ގަވާއިދާ ޚިލާފު ޙަރަކާތްތައް ހިންގަމުންދާ މަސްވެރިކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ބޮޑެތި ބައެއް ރީޓެއިލަރުން ފާޅުކުރަމުންދާ ކަމަށެވެ.

އެހެންކަމުން މަސްވެރިކަމުގެ ޞިނާޢަތުގެ މަންފާއަށް ޓަކައި ވަކި ހަމަތަކެއްގެ މަތިން މަސްވެރިކަންކުރާ އުޅަނދު ފަހަރުގައި (ސީދާ މަސްވެރިކަންކުރުމުގައި ބައިވެރިވުން ނުހިމެނޭގޮތަށް) ބިދޭސީންނަށް ޙަރަކާތްތެރިވުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.

އެގޮތުން، ޤާނޫނު ނަންބަރު: 14/2010، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު: 75-R/2020)ގެ 13 ވަނަ މާއްދާގެ ދަށުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެ އުޅަނދެއްގައި މަސައްކަތް ކުރުމަށް ހޯދާ ވޯކްޕާމިޓެއްގެ ދަށުން، 2 (ދޭއް) ބިދޭސީންނަށް ހަރަކާތްތެރިވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދެވިފައެވެ.

މަސްވެރިކަމުގެ އާންމު ގަވާއިދަށާއި ވަކިވަކި މަސްވެރިކަމާ ގުޅޭ ގޮތުން އާންމު ކޮށްފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގެ ދަށުން އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (66-R/2020)ގެ ދަށުން 2 (ބިދޭސީން ވަޒީފާއަށް ހުށަހެޅުމުގެ ކޯޓާ ދޫކުރުމާ ބެހޭ އުޞޫލު)ގެ ދަށުން މަސްވެރި ކޮންމެ އުޅަނދެއްގައި ބިދޭސީންނަށް ޙަރަކާތްތެރިވެވޭނެ ހަމަތައް މިހާރު ވަނީ ކަނޑައެޅިފައެވެ.މިގޮތުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ޙަރަކާތްތެރިވުމަށް ބިދޭސީންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާ ފަރާތަކަށެވެ. އަދި ބިދޭސީން ޙަރަކާތްތެރިވުމަށް ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ، ހަމައެކަނި އެކްސްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމުގެ ލައިސަންސް ނަގައިގެން ދޮށީގެ ނުވަތަ ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދު ފަހަރަށެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމަކީ ދިގު ތާރީޚެއް އޮތް، އެމަސްވެރިކަމުގައި ސަގާފީ ގިނަ ސިފަތަކެއް އެކުލެވޭ މަސްވެރިކަމަކަށް ވާކަމީ ދުނިޔޭގެ ފެންވަރުގައި ދިވެހި މަސްވެރިކަން އިސްތިހާރުކުރުމަށް ލިބިފައިވާ ބޮޑު ފުރުޞަތެކެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޚާއްސަ ސިފަތައް އޭގެ އަސްލު ނުގެއްލި ހިފެހެއްޓުމަކީ މުހިއްމުކަމެކެވެ.

Ads by HDC
  1. ޖާނޭ

    ބަލަ! ތިޔަ ޖެހުނީ ކޮންތާކު. ދިވެހިންގެ އަތުން ތިޔަކަންވެސް ބީވެގެން ދިޔައީ.