ދީން

...އަމިއްލައަށް ޖިންސީ އެދުން ފުއްދުން ދީނީ ނަޒަރަކުން

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

Ads by Sosun Fihaara

އަމިއްލައަށް އެދުން ފުއްދުމާ މެދު ދަންނަބޭކަލުންގެ މެދުގައި ޚިލާފުތަކެއް އުފެދިފައިވެއެވެ. ސުންނަތުގެ ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި މިކަމަކީ ކުރުން ހަރާމްވެގެންވާ ކަމެކެވެ. އެބޭކަލުންގެ ދަލީލަކީ: [ وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ * إِلاَّعَلَى أَزْوَاجِهِمْأوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ * فَمَنِ ابْتَغَىوَرَاء ذَلِكَ فَأُوْلَئِكَ هُمُ الْعَادُونَ * ] المؤمنون : 5-7  މާނައީ :[ މުއުމިނުންނަކީ އެބައިމީހުންގެ ލަދުވެތި ގުނަން، ޒިނޭއާއި، އެއްޖިންސުގެ ގުޅުން ހިންގުމާއި، އަދި ވެސް ﷲ ޙަރާމްކުރައްވާފައިވާ އެހެނިހެން ފާޙިޝް ޢަމަލުތަކުން ދުރުކޮށް ރައްކާތެރިކުރާމީހުންނެވެ. އެބައިމީހުންނަށް ﷲ ހުއްދަކުރައްވާފައިވާ، އަނބީންނާއި، އަދި އަޅުއަންހެނުންނާ އެކު ޖިންސީގޮތުން ގުޅުން ހިންގުމުން މެނުވީއެވެ. މިނޫން ގޮތަކުން ޖިންސީ އުފާ ޙާޞިލުކުރާ މީހުންވަނީ ﷲ ކަނޑައަޅުއްވާފައިވާ ޙުދޫދުން ބޭރުވެފައިވާ ބަޔަކު ކަމުގައެވެ. ]  އަމިއްލައަށް އެދުން ފުއްދުމަކީ ޙަރާމްކަމެއް ކަމުގައި ވިދާޅުވާ ބޭކަލުންގެ ދަލީލަކީ މިއީއެވެ. މިއީ މިބާބުގައި އޮތް އެންމެ ވަރުގަދަ ޙުއްޖަތެވެ.

ބައެއް ފިޤުހުވެރި ބޭކަލުން ވިދާޅުވާ ގޮތުގައި އެއީ ކުރުން މަކްރޫހަކަމެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ ހުއްދަ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ބޭއަދަބީ ކަމެއްކަމުގައެވެ. މުރޫވަތްތެރި މީހުން މިކަން ނުކުރާނޭ ކަމުގައެވެ.

ޒިނޭއަކަށް އަރައިގަނެވިދާނޭ ކަމުގެ ބިރު ހީވާ ކަމުގައި ވަނީ ނަމަ، ޒިނޭއިން ސަލާމަތް ވުމުގެ ގޮތުން މިކަން ކުރެވިދާނޭ ކަމުގައި ބައެއް ޢިލްމުވެރިން ދެކިލައްވައެވެ.

އެހެން ނަމަވެސް އެންމެ މާތް، އަދި އެންމެ ހެޔޮ ގޮތަކީ ރޯދަ ހިފައި، ޝަހުވަތްތެރިކަން މަތަ ކުރުމެވެ. ނުވަތަ ކައިވެނި ކުރުމެވެ. ސަބަބަކީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، ޒުވާނުންނަށް އެބައިމީހުންގެ ތެރެއިން ކުޅަދާނަކަން ލިބިގެންވާ މީހުން ކައިވެނި ކުރުމަށް އިރުޝާދު ދެއްވިއިރު، އެކަމަށް ކުޅަދާނަ ނުވާ މީހުންނަށް އިރުޝާދު ދެއްވީ ރޯދަ ހިފުމަށެވެ. އަމިއްލައަށް އެ އެދުން ފުއްދުމަކަށް އިރުޝާދެއް ނުދެއްވައެވެ. އެހެންކަމުން، މި ދަލީލުގެ މައްޗަށް ބުރަވެވަޑައިގެން ގިނަ ޢިލްމުވެރިން ވިދާޅުވަނީ ކައިވެނިން ނުވަތަ ރޯދަ ހިފުމުން އޭނާގެ ޝަހުވަތްތެރިކަން މަތަ ކުރުމަށެވެ.

ހަމަ އެއާއެކު، އިތުބާރުހުރި ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިކަމަކީ ޞިއްޙީ ގޮތުން އިންސާނާގެ ވިސްނުމަށާއި، އަދި ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. އަދި އާދަޔާ ޚިލާފަށް މި ކަންކުރާ ކަމުގައިވަނީ ނަމަ، ނަފްސާނީގޮތުން އަސަރުތަކެއް ކުރުވައި، ޖިންސީ ނިޒާމަށް ގެއްލުންތަކެއް ކުރިމަތި ކުރުވާ ކަމެއް ކަމުގައި ވެސް ބައެއް ޑޮކްޓަރުން ވިދާޅުވެއެވެ.

މިކަމުގައި ދަންނަބޭކަލުން ޚިލާފުވެވަޑައިގެންފައި ވަނީ ޞައްޙަ ޞަރީޙަ ނައްޞެއް މިބާބުގައި އައިސްފައި ނެތުމުން ކަމުގައި ބެލެވެއެވެ. والله أعلم

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!