މިދިޔަ އަހަރު 3.8 ބިލިޔަން ރުފިޔާ އިތުރަށް ޗާޕް ކުރި
ކޮވިޑާ ގުޅިގެން އެއް އަހަރުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ނުވަތަ އިތުރަށް ޗާޕްކުރެވުނު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވާޑްރޯ ކުރުމަށް ދީފައިވާ މުއްދަތު އިތުރު އެއް އަހަރަށް އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން އެދުމާ ގުޅިގެން މަޖިލީހުގެ ހާއްސަ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ, އަންނަ އަހަރު އެގޮތަށް ފައިސާ އޯވާޑްރޯ ކުރަން ނުވިސްނަވާ ކަމަށެވެ. ނަމަވެސް، މި ވަގުތު ހާލަތު އޮތް ގޮތުން ޕަބްލިކް އެކައުންޓުން އޯވަޑްރޯ ނުކޮށް ދައުލަތުގެ ހަރަދުތައް މެނޭޖްކުރެވެން ނެތް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، މި ވަގުތު 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ކުރި ނަމަވެސް ކޮންމެ ދުވަހަކު ވެސް ޕަބްލިކް އެކައުންޓަށް ފައިސާ ވަންނަ ވަރަކުން އެ އަދަދު އަންނާނީ ސެޓްލްވެ ބަދަލުވަމުން ކަމަށެވެ. އަދި އޯވާޑްރޯ އެއް އަހަރަށް އިތުރު ކުރި ނަމަވެސް 4.4 ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ފައިސާ ނުނެގޭނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ، އުންމީދަކީ މި އަހަރު ނިމޭ އިރު އޯވަޑްރޯ ސުމެއްގައި ހުރުން ކަމަށެވެ. އަދި އިގްތިސާދަށް ހެޔޮ ބަދަލުތައް ފެންނަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފައިސާ އިތުރަށް ޗާޕު ކުރުން ހިމެނޭ ގޮތުން، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނުނޫގެ ބައެއް މާއްދާތައް ސަސްޕެންޑްކުރަން ރައްޔިތުންގެ މަޖިލީހުން ނިމި ދިޔަ 2020ވަނަ އަހަރު ނިންމާފައި އޮތީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހަށް ހަމަވާތީ، މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އިއްޔެ މަޖިލީހުގައި އެދިފައިވެއެވެ.