ދެން ރެސިޕީ: ކެޝޫނަޓް ކުކުޅު
މިއީ އާންމުކޮށް އަހަރެމެން ރެސްޓޯރަންޓްތަކަށް ގޮސް [އޯޑަރުކުރާ އެއްޗެކެވެ. ނަމަވެސް ހަގީގަތުގައި މިއީ ގޭގައިވެސް ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ އެއްޗެކެވެ. ގިނަ ބަޔަކު ކާން އަންނަ ދުވަހަކު މީތި ތައްޔާރުކޮށްލަން ވަރަށް ރަނގަޅު ވެދާނެއެވެ.
މި ރެސެޕީއިން ތައްޔާރު ކުރެވޭނީ: 4 - 6 މީހުންނަށް ވާވަރަށެވެ.
ބޭނުންވާތަކެތި:
- 500 ގްރާމް ޗިކަން ބްރެސްޓް (ހަންގަނޑު ނުލއި)
- 3 ބެލް ޕެޕަރ
- 1 ކެރެޓު
- ¼ ޖޯޑު ސޮޔާ ސޯސް
- ¼ ޖޯޑު ޗިކަން ސްޓޮކް
- 5 ތޮޅި މިރުސް (ނޫނީ ބޭނުން ވަރަކަށް)
- 1 ޖޯޑު ކެޝޫ ނަޓްސް
- 1 ފިޔާ
- 4 ލޮނުމެދު
- 3 މޭޒުމަތީ ސަމުސާ ތެޔޮ
- 1/3 ލުނބޯ
ހަދާނެ ގޮތް:
- ފިޔާކޮޅު، ގާތްގަނޑަކަށް ފޮއްޗެއްގައި އިންޗިއެއްހާ ފުޅާމިން ހުންނާނެ ވަރަށް ކޮށާލާށެވެ. އަދި ލޮނުމެދާއި މިރުސްކޮޅު ވެސް ކުދިކޮށް ކޮށާލާށެވެ.
- ކުކުޅުކޮޅު ވެސް ކޮށާލާށެވެ. ކޮށާނީ 1 އިންޗީގެ ގޮޅިތަކެއްގެ ބައްޓަމަށެވެ.
- ކެރެޓާއި ބެލްޕެޕަރތައްވެސް ކޮށާލާށެވެ. ފުޅާމިނުގައި 1 އިންޗި އަދި ދިގުމިނުގައި 2 އިންޗި ހުންނާނެ ގޮތަށެވެ.
- ބޮޑު ތެއްޔެއް އުދައި އޭގެ ތެރެއަށް މޭޒުމަތީ ސަމުސަލެއްގެ ތެޔޮކޮޅެއް އަޅާލާށެވެ.
- ތެޔޮކޮޅު ހޫނުވުމުން ކެޝޫ ނަޓްތައް އަޅާލައި، އެއަށް ރަން މުށި ކުލައެއް އަރަންދެން ދޭތެރެ ދޭތެރެއިން ހަލާލަމުން ކައްކާށެވެ. އެނދިޔަ ނުދެއްޗެވެ. ރަނގަޅަށް ކުލަ އެރުމުން ތައްޓަކަށް ނަގާށެވެ.
- މެދުމިންވަރެއްގައި ގިނި ބެހެއްޓުމަށްފަހު ތަވަޔަށް ބާކީ ހުރި ތެޔޮކޮޅު އަޅާލައި އެ ރަނގަޅަށް ހޫނުވުމުން ކުކުޅުކޮޅު އޭގެ ތެރެއަށް އަޅާލާށެވެ. އަދި ކުކުޅުކޮޅުގެ ފިޔާތޮށިކަން ކެނޑި ބޭރުފުށަށް މުށިކުލަ އަރަން ފަށަންދެން ކައްކާށެވެ. ދޭތެރެ ދޭތެރެއިން ފުށުން ޖަހާލާށެވެ.
- ކުކުޅު ކެކުމުން ފިޔާކޮޅު އަޅާލައި ފިޔާކޮޅު މަޑުވަންދެން ކައްކާށެވެ. އެނދިޔަ ނުދިނުމަށްޓަކައި ދޭތެރެއަކުން ހަލާލަން ވާނެއެވެ. ދެން ލޮނުމެދުކޮޅު އަޅާލާފައި ތިރީހަކަށް ސިކުންތު ކައްކާލާށެވެ.
- ގިނި ގަދަކޮށްލުމަށްފަހު، ބާކީ ހުރި ހުރިހާ އެއްޗެއް އަޅާލާށެވެ. ސޯސް ގަނޑު އޮލަ ކޮށްލަން ބޭނުންނަމަ 2 ސައިސަމުސަލެއްގެ ކޯންފްލާ ކޮޅެއްވެސް އަޅާލެވިދާނެއެވެ.
- ދެން ނިކަން އަވަސް އަވަހަށް ދޭފަތުން ހަލަމުން ދެތިން މިނިޓެއް ވަންދެން ކައްކާލާށެވެ. ރަހަ ހެޔޮވަރު ވާވަރަށް ލުނބޯ ހުތްކޮޅު ފިތާލާ ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.
Ads by HDC