ދުނިޔެ

ހިންދޫ ފެސްޓިވަލާއެކު އެޅި ކޮވިޑް ރާޅު، ދުނިޔޭގެ ރެކޯޑް އަދަދަކަށް އިންޑިއާއިން ފައްސިވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ރިކޯޑް އަދަކަށް މީހުން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 315،000 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ކޮވިޑް-19 ޖެހިގެން އެޤައުމުން 2،104 މީހަކު ވަނީ މަރުވެފައެވެ. މިއީ ދުނިޔޭގައި ވެސް ކޮވިޑް-19 އަށް 24 ގަޑިއިރުގެ ތެރޭގައި އެއް ޤައުމަކުން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހޭ މީހުން ކުއްލިއަކަށް އިތުރުވެފައި ވަނީ މިމަހުން ފެށިގެންނެވެ. މަޝްރަހް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެފައި ވަނީ، އިންޑިއާގައި ކޮވިޑް-19 ފެތުރެން އެންމެ ބޮޑަށް ދިމާވި އެއް ސަބަބަކީ އިންޑިއާގައި އެންމެ ގިނަ މީހުން ޤަބޫލު ކުރާ ހިންދޫ ދީނުގެ ފެސްޓިވަލެއް ބޭއްވުމެވެ. މި ފެސްޓިވަލުގައި އެތައް މިލިޔަން މީހުނެއް ބައިވެރިވެފައިވާއިރު، މި ފެސްޓިވަލުގައި ގައިދުރު ކުރުމާއި މާސްކް އެޅުމަށް ސަމާލުކަން ދީފައެއް ނުވެއެވެ. އަދި އެތައް މިލިޔަން މީހުނެއް އެއްތަނަކަށް އެއްވިއިރު، އިންޑިއާގެ ސަރުކާރުން މިކަން ހުއްޓުވާފައެއް ނުވެއެވެ. އަދި ގައިދުރު ކުރުމާއި މާސްކް އެޅުން ފަދަ ކަންކަން ކުރޭތޯ ބަލާފައެއް ވެސް ނުވެއެއެވެ. މީގެ އިތުރުން އިންޑިއާގެ އިންތިޚާބާ ދިމާކޮށް އެ ޤައުމުގައި ވަނީ ބޮޑެތި ރެލީތައް ބާއްވާފައެވެ. މިއީ ވެސް އިންޑިއާގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ފެތުރެން ދިމާވި މައިގަނޑު އެއް ސަބަބެވެ،

އިންޑިއާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އޮކްސިޖަން ނުލިބި ބޮޑު ކާރިސާއެއް ވަނީ ކުރިމަތިވެފައެވެ. އިންޑިއާގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްކޮށް އޮތް ދިއްލީގައި ހޮސްޕިޓަލްތައް ފުރި، ބަލި މީހުންނަށް ފަރުވާ ދޭނެ އޮކްސިޖަން ވެސް ނުލިބެއެވެ. އެހެންވެ ގިނަ ބަޔަކު މަރުވަނީ ފަރުވާއަށް އާދޭސް ކުރަނިކޮށެވެ. މިހާތަނަށް އޮކްސިޖަން ނުލިބިގެން މަރުވީ ކިހާ އަދަދެއްގެ މީހުން ކަމެއް އިނގޭ ތަފާސް ހިސާބެއް އާއްމު ކޮށްފައި ނެތް ނަމަވެސް، އޮކްސިޖަން ނުލިބި އެތައް ބަޔަކު މަރުވާކަމަށް އިންޑިއާގެ މީސްމީޑިއާގައި ނަން ހިނގާ މީހުންގެ ޕޯސްޓްތަކުން އެނގެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!