އިންޑިއާގައި ގިނަ ބަޔަކު އޮކްސިޖަނަަށް ޖެހިފައި، ގޭގައި އޮކްސިޖަން އުފެެއްދޭނެ ގޮތް ހޯދަނީ
ކޮވިޑް-19ގެ ބަލިމަޑުކަމުގައި މިހާރު އެންމެ ދަތި ހާލަތުގައި އުޅެމުން ދާ އެއް ބަޔަކީ އިންޑިއާގެ ރައްޔިތުންނެވެ. ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ އިރު މި ބަލީގައި ދުވާލެއްގެ މައްޗަށް އެތައް ހާސް މީހުންނެއް ދަނީ މަރުވަމުންނެވެ. ހޮސްޕިޓަލުތަކުގައި ފަރުވާ ދޭނެ ވަސީލަތްތައް ހުސްވަމުންދާ އިރު އޮކްސިޖަން ލިބޭނޭ ގޮތްތައް ވެސް ވަނީ ހުސްވެފައެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި އިންޑިއާ އޮތްއިރު އެ ޤައުމުގެ ރައްޔިތުން މިއަދު އެވަނީ އޮކްސިޖަންއަށް އިންތިހާއަށް ބޭނުންވެފައެވެ.
ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ގޫގުލްގައި އެންމެ ގިނައިން ހޯދައިފައި ވަނީ ގޭގައި އޮކްސިޖަން ނުވަތަ އޮކްސިޖަން ސިލިންޑަރު އުފެއްދޭނީ ކިހިނެތްތޯއެވެ. އެ ގޮތުން މީގެ ހަފްތާ އެއް ކުރިން މި މަޢުލޫމާތު ގޫގްލް ކޮށްފައިވާ މީހުންގެ އަދަދު އުޅެނީ 13-10 އާއި ދެމެދުގެ އަދަދަކަށެވެ. ނަމަވެސް އިއްޔެ އެކަނި 100އަށް ވުރެ ގިނަ މީހުން ވަނީ އޮކްސިޖަން އުފެއްދޭނީ ކިހިނެތް ތޯ ގޫގުލް ކޮށްފައެވެ.
އެގޮތުން އިންޑިޔާގެ އަވަށްތައް ކަމަށްވާ ގުޖްރާތުން 70 މީހުން، މަހާރަޝްތްރާއިން 49 މީހުން، އުއްތަރަ ޕްރަދޭޝްގެ 55 މީހުންގެ އިތުރުން މަދިޔާ ޕްރަދޭޝްގެ 46 މީހަކު ވަނީ މި މައުލޫމާތު ގޫގުލް ކޮށްފައެވެ.
އިންޑިޔާގައި ދާދި ފަހުން ފާހަގަ ކުރި ހިންދޫންގެ ދީނީ ހަފްލާއެއް ކަމަށްވާ "ހޯލީ"ގެ ކުރިން އޮކްސިޖަން އުފައްދާނެ ގޮތް ގޫގްލް ކޮށްފައި ވަނީ އެ ޤައުމުގެ 4 މީހުންނެވެ.
ބެލެވޭ ގޮތުގައި މި މަޢުލޫމާތު ގިނަބަޔަކު ހޯދައިފައި މިވަނީ އާއިލާ ނުވަތަ ގާތް މީހުންނަށް އެހީތެރިވުމަށެވެ. ކޮވިޑާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމުން އިންޑިއާގައި މީހުންގެ ދިރިއުޅުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެހެންކަމުން ފަސޭހަ ކަމާއެކު އޮކްސިޖަން ލިބޭނެ މަގެއް ފަހި ވޭތޯ އެންމެން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ޚާއްޞަކޮށް ނިއު ދިއްލީ ފަދަ ސިޓީ ތަކުގައެވެ.
އިންޑިޔާގެ ހޮސްޕިޓަލްތަކަށް ފަރުވާ ދެވޭނެ ވަސީލަތްތަކާއި އޮކްސިޖަން ފޯރު ކޮށްދިނުމަށް ދުނިޔޭގެ އެކި ހިސާބުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.