ކޮވިޑް-19 މައުންޓް އެވަރެސްޓް ފަރުބަދައާ ހަމަޔަށް، އެ ސަރަޙައްދުން ފުރަތަމަ ފަހަރަށް މީހަކު ފައްސިވެއްޖެ
ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓު އެވަރެސްޓުގެ ބޭސް ކޭންޕުގައި ހުރި މީހަކަށް ކޯވިޑް-19 ޖެހިއްޖެއެވެ.
ނޯވޭއަށް ނިޞްބަތްވާ އެރްލެންޑް ނެސް ކޮވިޑް-19 އަށް ފައްސި ވެފައިވާކަން އެނގުނީ އެ ސަރަޙައްދުގައި އެއްވެސް މީހަކު ބައްޔަށް ހުށަހެޅިފައިވޭތޯ ބެލުމަށް ކުރި ތަހްލީލުތަކުންނެވެ. މިއީ އެ ފަރުބަދައިން މީހަކު ފައްސިވި ފުރަތަމަ ފަހަރެވެ.
ނެސް މިހާރު ދަނީ ކަތުމަންޑޫގެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންނެވެ. އޭނާ ކަތުމަންޑޫއަށް ގެންދިޔައީ ހެލިކޮޕްޓަރެއްގައެވެ.
“ވަރަށް ދެރަވެފަ މިހިރީ. އިތުރު މީހަކަށް ބަލި ނުޖެހޭނެ ކަމަށް އުންމީދު ކުރަނީ. ފަރުބަދައިގެ އެހާ މަތީގަ ތިބޭ އިރު ވަރަށް އުނދަގޫވާނެ ގިނަ މީހުންނަށް ބަލި ޖެހުނަސް 8000 މީޓަރު މަތިން ބާލުވަން” ނެސް ބުނެފައި ވެއެވެ.
ބޭސް ކޭމްޕުގައި ހަރަކާތްތެރިވި މީހަކު ބުނި ގޮތުގައި އެރެލެންޑް ނެސް އެ ކޭމްޕުގެ ގިނަ މީހުންނާ ގާތުން ދިމާވެފައިވާ ކަމަށެވެ. އޭނާ ފައްސި ވުމާ އެކު ބަލަން ޖެހޭ ކަންތައްތައް ބަލައި، ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް ބޭސް ކޭމްޕްގެ އޮފިޝަލަކު ފާހަގަ ކުރިއެވެ.
އޭނާ ފަރުބަދައަށް އެރުމަށް އެންމެ ރަނގަޅު މޫސުން ކުރިމަތީގައި އޮތް ނަމަވެސް ބަލި ފެތުރެން ފަށައިފިނަމަ ފަރުބަދައަށް އެރުމުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްދާނެ ކަމަށެވެ.