ރެސިޕީ

ދެން ރެސިޕީ | ބޭކްޑް ޗިކެން އެންޑް ޕޮޓޭޓޯ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

1400ގ ކުކުޅު (ކޮށާފައި)

Ads by WAMCO

ބައި ކިލޯ އަލުވި (ބޮޑެތިކޮށް ކޮށާފައި)

4 މޭޒުމަތީ ސަމްސާ އޮއިސްޓާ ސޯސް

4 މޭޒުމަތީ ސަމްސާ ބާބަކިއު ސޯސް

2 މޭޒުމަތީ ސަމްސާ ހަނާކުރި ހަވާދު

2 ފިޔާ

5 ފިއް ލޮނުމެދު

ހިކަނދިފަތް

50ގ ބަޓަރު

ރަހަލާވަރަށް ލޮނު

1 މޭޒުމަތީ ސަމްސާ ސަންފްލާވާ އޮއިލް

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ފިޔާ، ލޮނުމެދު އަދި ހިކަނދިފަތް މިސްކްޗަރުން މުގުރާލާށެވެ. އެއަށްފަހު ބޯތައްޓަކަށް އޮއިސްޓާ ސޯސް، ބާބަކިއު ސޯސް، ހަވާދު، ތެޔޮފޮދު، މުގުރި ފިޔާ ޕޭސްޓް އަދި ރަހަލާވަރުގެ ލޮނުކޮޅެއް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. ތައްޔާރު ކުރެވުނު ޕޭސްޓާ އެކު ކުކުޅުކޮޅު އެއްކޮށްލާށެވެ. އެއަށް ފަހު ކުކުޅުކޮޅު މެރިނޭޑް ކުރުމަށް 30 މިނެޓު ބަހައްޓާލާށެވެ.

30 މިނެޓު ފަހުން އުނދުން މައްޗަށް ތެލި އުދުމަށްފަހު 10ގ. ބަޓަރު އަޅައި، އޭގެ ތެރެއަށް މެރިނޭޑް ކުރި ކުކުޅުކޮޅު އަޅާލާށެވެ. އަދި މަތި ޖެހުމަށް ފަހު މަޑު ގިނީގައި 10 މިނެޓު ކައްކާލާށެވެ. އެއަށްފަހު އަލުވިކޮޅު އަޅައި ކުކުޅުކޮޅާއި އެއްކޮށްލުމަށް ފަހު، މަޑު ގިނީގައި މަތިޖަހައިގެން ކައްކާށެވެ. ކައްކަމުން ދާއިރު ފަސް މިނެޓުން، ފަސް މިނެޓުން ދޭފަތުން ހަލަމުން ގެންދާށެވެ (ފުލުގައި ހިފައިފާނެ ކަމަށް). ޖުމްލަ 20 މިނެޓު ކެއްކޭއިރު ކުކުޅުގެ 75 އިންސައްތަ ހުންނާނީ ރޯ ފިލައިފައެވެ. އުނދުން ނިއްވައިލުމަށް ފަހު އަވަން 250 ޑިގްރީއަށް ހޫނު ކުރަން ޖައްސާށެވެ. އެއަށްފަހު އަވަނުގެ ޓްރޭގައި ބަޓަރުކޮޅެއް ހޭކުމަށް ފަހު، ތެލީގައިހުރި ކުކުޅާއި އަލުވިތައް އަޅާލާށެވެ. (ކެއްކި ތެލީގައި ހުރި ދިޔަފޮދު ވަކިން ތައްޓަކަށް ނަގާލާށެވެ.) ޓްރޭއަށް އެޅި ކުކުޅުތަކުގެ މައްޗަށް ބާކީ ހުރި ބަޓަރުކޮޅު އެޅުމަށްފަހު އަވަނަށް ލައިގެން ފިހެލާށެވެ. ކުކުޅުތަކުގެ މަތި ހިކޭވަރަކަށް ތައްޓަށް ނެގި ދިޔަފޮދު ސަމްސަލަކުން އަޅަމުން ދާށެވެ. އަވަނުން ފިހާނީ 35 މިނެޓެވެ. އެއަށްފަހު ބޭކެޑް ޗިކަން އެންޑް ޕޮޓޭޓޯ ހުންނާނީ ތައްޔާރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!