ޚަބަރު

އަގު ދީގެން އެސައިންމެންޓް ހަދާނަމަ ޖޫރިމަނާ ނެގުން ފާސްކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މަތީ ތަޢުލީމް ހާޞިލް ކުރަމުން އަންނަ ދަރިވަރުން ފުރިހަމަ ކުރަންޖެހޭ އެސައިންމެންޓުތައް އެހެން މީހުން ލައްވައި ފުރިހަމަ ކުރުމާއި ނުވަތަ އަގަށް އެހެން މީހުންނަށް އެސައިންމެންޓު ވިއްކައިގެން ހެދުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ހުށަހެޅުނު ބިލް ފާސް ވެއްޖެއެވެ.

Ads by STELCO

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ދިރާސާކޮށް ނިންމި މި ބިލު ފާސްވެފައި ވަނީ ޖުމްލަ 49 މެންބަރުން ވޯޓާއެކުގައެވެ.

އެ ބިލުގައިވާގޮތުން، ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހަކު މެދުވެރިކޮށް އަގު ދީގެން ނުވަތަ އަގު ނުދީ ވިޔަސް ކުރުވުމަކީ ކުށަކަށް ވާއިރު، އެފަދަ ކުށެއް ކުރިކަން ސާބިތުވެއްޖެ ނަމަ އެ ކުށުގެ އަދަބަކީ 5000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ. އަދި އަމިއްލައަަށް އަގެއް ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި އެސައިންމެންޓް ހަދައި ދިނުމަކީ ކުށެއް ކަމަށް ނިންމައި އެ ކުށުގެ އަދަބަކީ 10،000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ވެސް ބިލުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ އެފަދަ ކަމެއް ދަރިވަރު ހިންގާފައިވޭތޯ ބަލާނެ ނިޒާމެއް މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި ގާއިމް ކުރުމަށް ބިލުގައި ވަނީ އިރުޝާދު ދީފައެވެ. އެފަދަ އަމަލެއް ދަރިވަރު ހިންގައިފި ނަމަ ބިލުގައި ބުނާ ފިޔަވަޅުގެ އިތުރުން މަތީ ތައުލީމު ދޭ މަރުކަޒުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅިދާނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ބިލުގައި އެ މާއްދާ ހިމަނައިފައި ވަނީ މަތީ ތައުލީމު ހޯދާ ދަރިވަރުން އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް އެހެން މީހުން ލައްވައި ކުރުން އާއްމުވުމުގެ ސަބަބުން ދަރިވަރަށް ލިބެންޖެހޭ ހަގީގީ މަންފާ ނުލިބި މަތީ ތައުލީމުގެ ފެންވަރު ދަށްވާތީ ކަމަށް ބިލުގައި ހާމަ ކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!