ކޮވިޑް-19: ނައިފަރުން ފައްސިވީ މީހުންގެ އަދަދު 350 އިން މައްޗަށް

ޅ. ނައިފަރުން އިތުރު 28 މީހުން ކޮވިޑް-19 އަށް ފައްސިވެ، ޖުމްލަ އަދަދު 350އިން މައްޗަށް އަރައިފިއެވެ.
ޅ.އަތޮޅު ހޮސްޕިޓަލު މެނޭޖަރ ޖައުފަރު ޢަބްދުﷲ "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު އެ ރަށުން އިތުރު 28 މީހެއް ފައްސި ވެފައިވާ ކަމަށާއި މިވަގުތު ފައްސި ކޭސްގެ ގޮތުގައި 129 މީހުން އެބަތިބި ކަމަށެވެ.
"މިހާތަނަށް ނެގިފައި ވަނީ 2799 ސާމްޕަލް. އޭގެ ތެރެއިން ޖުމްލަ 354 ފައްސި ވެފައިވާއިރު، މިވަގުތު އެކްޓިވްކޮށް ތިބީ 129 މީހުން" ޖައުފަރު ވިދާޅުވިއެވެ.
ޖައުފަރު އިތުރަށް ވިދާޅުވީ ނައިފަރުން މިވަގުތު 141 ގެ ކަރަންޓީނު ކުރެވިފައިވާ ކަމަށާއި އެއީ ފައްސިވީ ކޭސްތަކާ ކޮންޓެކްޓުވުމާ ގުޅިގެން ކަރަންޓީނު ކުރެވުނު ގެ ތަކެއް ކަމަށެވެ. އަދި ފައްސިވީ ކޭސްތަކާ ގުޅިގެން އިތުރު 66 މީހަކު ނައިފަރުން ކަރަންޓީނު ކޮށްފައިވާ ކަމަށް ވެސް ޖައުފަރު ވިދާޅުވިއެވެ.