ޚަބަރު

އިސްލާމިކް މިނިސްޓަރު ވަކިކުރަން މަޖިލީހަށް ހުށަހަޅަނީ

ދެން އެމްވީ ، ދެން އޮންލައިން

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެ ކަމަށް އެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް މިރޭ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އޭނާ ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ އިސްލާމިކް މިނިސްޓަރު އޭނާގެ ޒިންމާ އަދާ ކުރަން ފެއިލްވެފައިވާ ކަމަށާއި އެހެންކަމުން މިނިސްޓަރު އިސްތިއުފާ ދެއްވަން ގޮވާލާ ކަމަށެވެ. އެގޮތަށް އަމަލު ނުކުރައްވައިފި ނަމަ، ރައްޔިތުންގެ މަޖިލިސް ހުޅުވުމާ އެކު އޭނާ މަގާމުން ވަކިކުރަން ހުށަހަޅުއްވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

"މިނިސްޓަރު ކަމުން އިސްތިއުފާ ނުދޭ ކަމަށް ވަންޏާ މަޖިލިސް ހުޅުވުނީމަ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާނަން، އަދި އަޅުގަނޑު އިސްކޮށް އެ މަސައްކަތުގައި ހަރަކާތްތެރިވާނަން." އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އޭނާ ނިންމެވީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރަން ކުރާ މަސައްކަތްތަކަށް އިސްލާމިކް މިނިސްޓަރަށް އެކަށޭނެ ފިޔަޅުތައް ނޭޅޭތީ ކަމަށް އަހުމަދު ހަލީމް ވިދާޅުވި އެވެ. އަދި މަޖިލީހުން އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ނިމިގެންދާނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!